ބޫޓާންގައި ފެށި ޓީ20 އިންޓަނޭޝަނަލް ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 23 ލަނޑު ހޯދައިގެން ރާއްޖެ މޮޅުވެއްޖެއެވެ.

މިއަދު ފެށި މި މުބާރާތުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު އިރު މި މެޗުގައި ވިއްސާރަ ވުމުގެ ސަބަބުން، 23 ލަނޑުން ރާއްޖެ މޮޅުވީ ކަމަށް ވަނީ ނިންމާފައެވެ.

މި މެޗުގައި އިންޑޮނޭޝިއާ ޓީމަށް ޓޮސް ދިމާވުމުން ނިންމީ ފުރަތަމަ ކުޅޭށެވެ. އިންޑޮނޭޝިއާ އަށް 19.2 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 95 ލަނޑެވެ. ރާއްޖޭގެ އަލީ ޝުނާން މި އިނިންސްގައި ހަތަރު ވިކެޓު ނެގި އިރު، ލީމް ޝަފީގް ވަނީ ތިން ވިކެޓު ނަގައިފަ އެވެ.

ރާއްޖޭން ޖަވާބުގައި ކުޅެން އެރި އިރު 12 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން 75 ލަނޑު ހަދައިފައި ވެއެވެ. އެ ވަގުތު ވިއްސާރަ ވުމުގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހުނު އިރު، މެޗު އިތުރަށް ކުރިއަށް ނުގެންދެވިގެން ނިންމާލީ، މި އިނިންސްގައި ރާއްޖޭގެ ޓާގެޓް 53 ލަނޑަށް ރިވައިސްކޮށްފައެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ އުންމީދީ ބެޓްސްމަން އިބްރާހިމް ޝައުފް ހަސަން ވަނީ ފުރަތަމަ ފަހަރަށް ސީނިއާ ޓީމަށް ކުޅެފައެވެ. އަދި ނުބައި ނުވެ އޭނާ ވަނީ މެޗުގައި 29 ބޯޅައިން 26 ލަނޑު ހަދައިފައެވެ.

ފުރަތަމަ މެޗުގައި ބޫޓާން ވަނީ ތައިލެންޑާ ވާދަކޮށް 77 ލަނޑުން ބަލިވެފަ އެވެ. ތައިލެންޑުން ފުރަތަމަ ކުޅެން އަރައި 20 އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 171 ލަނޑު ހެދި އިރު، ބޫޓާނުން 19.4 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ.

މާދަމާ ކުޅޭ ރާއްޖޭގެ ދެވަނަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެއަށް ފަހު ތައިލެންޑާ ދެކޮޅަށް ކުޅޭނީ އަންގާރަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން