ސައުދީ އަރަބިއްޔާގެ ރިޔާޟްގައި 400 މީޓަރު އުސްމިނުގެ، ހަތަރެސްކަން އެއްވަރު ކޮޑިއެއްގެ ބައްޓަމަށް އިމާރާތްކުރާ އާދަޔާ ޚިލާފަށް ބިޔަ، އުސް އިމާރާތް، އަލްމުކަޢުބްގެ މަސައްކަތް ފަށައިފިއެވެ. މި އިމާރާތް ބިނާކޮށް ނިމުމުން އެތަން ވާނީ ދުނިޔޭގެ އެންމެ ބޮޑު އިމާރާތަށެވެ.

އަލްމުކަޢުބް ވާނީ ރިޔާޟްގެ ހުޅަނގު އުތުރުގައި ތަރައްގީކުރެވޭ 19 އަކަކިލޯމީޓަރުގެ އަލްމުރަބަޢަލްޖަދީދުގެ މައި ބިނާއަށެވެ. އެޓްކިންސްރެއަލިސް ފަރުމާކޮށްފައިވާ މި ބިޔަ އިމާރާތުގެ ފައުންޑޭޝަން އެޅުމަށްޓަކައި ބިންގަނޑު ކޮނުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް މި މަޝްރޫޢު ހިންގާ ކުންފުނިން ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާގެ މައި އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) އިން ފަންޑުކޮށްގެން ހިންގާ އަލްމުރަބަޢަލްޖަދީދު ތަރައްގީކުރާ ކުންފުނިން ބުނެފައިވާ ގޮތުގައި މިހާރު ވަނީ މި ސަރަހައްދުގެ ބިން ތައްޔާރުކުރުމުގެ 86 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި އިމާރާތް އަޅަމުންދާ ކުންފުނިން ބުނާ ގޮތުގައި އަލްމުރަބަޢަލްޖަދީދުގައި 100،000 އަށް ވުރެ ގިނަ ގެއާއި، 980،000 އަކަމީޓަރުގެ ފިހާރަ ސަރަހައްދާއި، 1.4 މިލިއަން އަކަމީޓަރުގެ އޮފީސް ޖާގައާއި ހޮޓަލާއި، ސަގާފީ ތަންތަނާއި ޔުނިވާސިޓީއަކާއި، އިމަރސިވް ތިއޭޓަރަކާއި، "އައިކޮނިކް" މިއުޒިއަމެއް ހިމެނޭނެ ކަމަށެވެ.

މި އިމާރާތް ނިންމާލެވޭނެ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފައި ވަނީ 2030 ވަނަ އަހަރަށެވެ.

މިއީ މިހާރު ސައުދީ އަރަބިއްޔާގައި ތަރައްގީ ކުރަމުންދާ 14 ގިގާ ޕްރޮޖެކްޓުގެ ތެރެއިން އެއް ޕްރޮޖެކްޓް ކަމަށް މަސްރަހުތަކުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން