އަންހެނުންނަށް ޚާއްޞަކޮށްގެން ސްޓެލްކޯއިން އިލެކްޓްރީޝަން ކޯހެއް ފަށަން ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ފަށާ ޕްރޮގްރާމެއް ކަމަށެވެ.

"ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން"ގެ ނަމުގައި ކަރަންޓާއި ގުޅޭ އަސާސީ ކަންކަން ކިޔަވައިދިނުމަށް ފަށާ އެ ކޯސް ހިންގަން ތައްޔާރީތައް މިހާރު ވަމުންދާކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

"މި ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި. ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމުގެ އިތުރުން، ކަރަންޓު ވައިރުކުރުމުގެ އަސާސީ މަޢުލޫމާތު މި ކޯހުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައި." ސްޓެލްކޯއިން ބުނެފައިވެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ އަންހެނުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން