ލަންކާގެ އަރުގަމް ބޭ ސަރަހައްދަށް ހަމަލާދޭން އުޅުނު މައްސަލައިގެ ތުހުމަތުގައި އެގައުމުގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި ރައްޔިތަކު ނޫނީ ދިވެއްސެއްގެ ދަރިއަކު ހިމެނޭ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް ރަސްމީކޮށް އެފަދަ އެއްވެސް މައުލޫމާތެއް ލަންކާގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި، ލަންކާގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އިން މިއަދު ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ ތިން މީހުންނަކީ ސްރީލަންކާ ރައްޔިތުންކަން ފުލުހުން މިއަދު ބޭއްވި ކުއްލި ނޫސް ކޮންފަރެންސެއްގައި ވަނީ މީޑިއާ ތަކަށް ޔަގީން ކޮށްދީފައެވެ.

ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުންގެ މައުލޫމާތު ލަންކާގެ ޓީއައިޑީއާ ހިއްސާކުރީ އިންޑިއާގެ އިންޓެލިޖެންސް އެޖެންސީންނެވެ.

ސްރީ ލަންކާގައި ފަތުރުވެރިންގެ މަގުބޫލު ހިސާބެއް ކަމަށްވާ އަރޫގަމް ބޭއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން އަންގާފައި ވަނީ އިއްޔެއެވެ.

އެމެރިކާ އެމްބަސީން މިގޮތަށް އެންގީ އާރޫގަމް ބޭ ސަރަހައްދުގައި ފަތުރުވެރިންގެ މަގުބޫލު ތަންތަނަށް އަމާޒުކޮށްގެން ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބިފައި ވާތީ ކަމަށް އެމެރިކާ އެމްބަސީން ވަނީ ބުނެފައެވެ.

އަރްގަމް ބޭ އަކީ އިޒްރޭލުގެ ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ އަދި މިހާރު އިޒްރޭލުގެ ވިތަފާރިތައް ފެތުރި އެމީހުންގެ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ސަރަހައްދެކެވެ. މިމައްސަލައިގައި ލަންކާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާއިން މި އިންޒާރު ދީފައި ވަނީ އަރުގަމް ބޭ ސަރަހައްދުގައި ނިރުބަވެރި އިސްރާއީލުގެ އުފެއްދުންތައް މަނާކުރުމަށް ގޮވާލައި މީސް މީޑިޔާގައި ކެމްޕެެއިނެއް ފަށާފައި ވަނިކޮށެވެ. އަދި ލަންކާގެ ގިނަ ބަޔަކު ފަލަސްތީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލަމުންދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން