ޣައްޒާގަައި އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އަހަރުގެ ތިންވަނަ ކުއާޓާގައިވެސް ދުނިޔޭގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްގެ ސޭލްސް ދަށަށް ގޮސްފި އެވެ.

ސްޓާބަކްސްއިން އިސްރާއިލަށް ތާއިދުކުރާ ކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ ސްޓާބަކްސް ބޮއިކޮޓްކުރުމަށް ގޮވާލައިފަ އެވެ. އަދި ހާއްސަކޮށް މެލޭޝިއާ ފަދަ އިސްލާމީ ގައުމުތަކުގައި ސްޓާބަކްސް ބޮއިކަޓްކުރުމުގެ އަޑުތައް ވަކިން ގަދައެވެ.

ސްޓާބަކްސްއިން ބުނީ މި އަހަރުގެ ތިންވަނަ ކުއާޓާ، ޖުލައި މަހުން ސެޕްޓެމްބަރު މަހަށް އެ ޗެއިންގެ ސޭލްސް ހަތް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެެވެ.

އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ސްޓާބަކްސްގެ ހިއްސާގެ އަގުވެސް 25 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ސްޓާބަކްސްގެ ސޭލްސް ދަށަށް ދާތީ އަހަރީ ފޯކާސްޓްތައް ކުރުން ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ސްޓާބަކްސްގެ ސޭލްސްތައް ހަމައެކަނި ދަށަށް ދިޔައީ އިސްލާމީ ގައުމުތަކުގައި އެކަންޏެއް ނޫނެވެ. ސްޓާބަކްސްގެ އެންމެ ބޮޑު މާކެޓް އޮންނަ ޗައިނާގައި ވެސް އެންމެ ފަހު ކުއާޓާގައި ސޭލްސް ވަނީ 14 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ސްޓާބަކްސްއަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެ ޗެއިނުން މިހާރު ދަނީ މެނޫއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުން ނެވެ.

ޣައްޒާގެ ގަތުލު އާންމާ ގުޅިގެން ބޮއިކޮޓްކުރަމުން ދަނީ ސްޓާބަކްސް އެކަންޏެއް ނޫނެވެ. ކޮކާ ކޯލާ، ޒާރާ، ކޭއެފްސީ ފަދަ ބޮޑެތި ބްރޭންޑްތަކަށް ވެސް ވަނީ ބޮއިކޮޓްތަކާ ކުރިމަތިވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން