އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ރޮކެޓް ހަމަލާއެއްގައި ކުޑަކުދިންތަކަކާއި އަންހެނުންތަކެއް ޝަހީދުވެއްޖެއެވެ.

މިއީ އިސްރާއީލުގެ ވައިގެ ހަމަލާތައް ޖެހިޖެހިގެން ދިން ދެވަނަ ދުވަސްކަން ފާހަގަ ކުރެވެއެވެ. ބެއިރޫތުގެ ދެކުނުގެ ހިސާބުތަކަށް އަމާޒުކޮށް ދިން މި ހަމަލާގައި ތިން އަންހެނުންނާއި ތިން ކުޑަކުދިން ހިމެނޭ ކަމަށް ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނެއެވެ.

އޮފިޝަލުންނާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ބެއިރޫތައް ހަމަލާދީފައި ވަނީ ލުބުނާނުން ވޮޝިންޓަނާ އެކު މި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަކަށް އިންތިޒާރު ކުރަމުން ދަނިކޮށެވެ. ނަމަވެސް މިކަމަށް އެއްވެސް ފަރާތަކުން ‘ޕޮޒިޓިވް’ އިޖާބައެއް ދީފައި ނުވާކަންވެސް އެގައުމުން ފާހަގަ ކުރެވެއެވެ.

ހުއްޓުމެއްނެތި ޒަޔަނިސްޓް ޖަމާއަތުން ބެއިރޫތަށް ހަމަލާދެމުންދާއިރު މި ހަފްތާގެ ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ދިން ވައިގެ ހަމަލާތަކުގައި އެ ސިޓީގެ ދަހިޔޭގެ 12 އަށްވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަކޮށްފައެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ލުބުނާނުގައި އިސްރާއީލުގެ ހަނގުރާމަވެރިން ހިންގަމުންދާ ޖަރީމާތަކުގައި 3،365 މީހުން މަރުވެ، 14،344 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެގައުމުގެ ވައިގެ ސިފައިން ބައިރޫތު ސަރަހައްދުގައި ހިޒްބުاللهގެ ހަތިޔާރު ރައްކާކުރާ ނުވަ ތަނާއި ކޮމާންޑް ސެންޓަރެއް ނައްތާލާފައިވާ ކަމަށެވެ. އަދި ހިޒްބުالله އިން އިސްރާއީލަށް 40 ޕްރޮޖެކްޓައިލް ޖަހާފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނުގެ އެކި ހިސާބުތަކަށާއި ލުބުނާނަށްވެސް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން