އަވައްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އާދަޔާ ޚިލާފަށް ވައި ނުސާފުވުމާ ގުޅިގެން ހުރިހާ ޕްރައިމަރީ ސްކޫލްތައް ބަންދުކޮށްފިއެވެ.

ނިއުދިއްލީގެ ޗީފް މިނިސްޓަރު އަތީޝީ ބުރާސްފަތި ދުވަހު މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސިޓީގެ ވައި ނުސާފުވުމުގެ ސަބަބުން ހުރިހާ ޕްރައިމަރީ ސްކޫލެއް މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން އަންގާ ކަމަށެވެ. އަދި މި މުއްދަތުގައި ކިޔެވުން އޮންލައިން މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް އޭނާ ވަނީ އަންގާފައެވެ.

މި ދަނޑިވަޅުގައި ވައި އިތުރަށް ނުސާފުވުން އިތުރުވެދާނެތީ ގޭގޭގައި ހޫނު ކުރުމަށް ބޭނުންކުރާ ދަރު ފަދަ ތަކެތި އެންދުމުންވެސް ދުރުހެލިވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވަރަށް މުހިންމު ބޭނުންތަކަށް ނޫންގޮތަކަށް ބޭރަށް ނިކުމެ ނޫޅުމަށްވެސް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ.

އުތުރު އިންޑިއާގެ ވައިގެ ފެންވަރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދަށްވެފައިވާއިރު، ވިހަ ދުންތަކުން އިންޑިއާގެ މަޝްހޫރު މޮނިއުމަންޓް ނިއުދިއްލީއާ ގާތްގަނޑަކަށް 220 ކިލޯމީޓަރު (136 މޭލު) ދުރުގައި ހުންނަ ތާޖް މަހަލްވެސް އެހެންޏާ ފެންނަ ގޮތަށް ދުރުން ނުފެނެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވުން އެކަށީގެންވާ ކަމަށް ސިއްހީ މާހިރުން ވަނީ ބުނަން ފަށާފައެވެ. އަދި މިހާރުވެސް މިފަދަ ކަންކަމަށް ދިއްލީގެ ހޮސްޕިޓަލްތަކަށް ދާ ފަރާތްތައް އިތުރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން