ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތާއީދު ކުރުމަށް ރަޝިޔާއަށް ސިފައިން ފޮނުވަނީ ބަދަލުގައި އުތުރު ކޮރިޔާއަށް ހަތިޔާރުގެ ގޮތުގައި ޒަމާނީ ފެންވަރުގެ މިސައިލްތައް ދޭތީ ކަމަށް ދެކުނު ކޮރިޔާއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ އިސް އޮފިޝަލަކާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އުތުރު ކޮރެއާގެ ސިފައިން ރަޝިޔާއަށް ފޮނުވުމުން ރަޝިޔާއިން އެގައުމަށް އެންޓި އެއާ މިސައިލްތަކާއި ވައިގެ ދިފާއީ ސާމާނު ފޯރުކޮށްދެއެވެ.

ގާތްގަނޑަކަށް 10،000 ސިފައިން ރަޝިޔާއަށް ފޮނުވުމުން އުތުރަށް ލިބޭނީ ކޮން ފައިދާއެއްތޯ ސުވާލު ކުރުމުން ދެކުނު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޝިން ވޮން ސިކް ވިދާޅުވީ މޮސްކޯއިން ޕިއޮންގްޔަންގަށް އިގްތިސާދީ އަދި އަސްކަރީ ޓެކްނޮލޮޖީގެ އެހީތެރިކަން ދީފައިވާ ކަމަށެވެ.

"ޕިއޮންގްޔަންގްގެ ބަލިކަށި ވައިގެ ދިފާއީ ނިޒާމު ހަރުދަނާ ކުރުމަށް އުތުރު ކޮރެއާއަށް ގުޅުންހުރި ސާމާނާއި އެންޓި އެއާކްރާފްޓް މިސައިލްތައް ފޯރުކޮށްދީފައިވާކަން އެނގިފައިވޭ،" ދެކުނު ކޮރެއާގެ ބްރޯޑްކާސްޓާ އެސްބީއެސް އަށް ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި ޝިން ވިދާޅުވި އެވެ.

ވެރިރަށް ޕިއޮންގްޔަންގްގައި ބޭއްވި އަސްކަރީ މައުރަޒެއްގައި ހުކުރު ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ހަތިޔާރުގެ "އަލްޓްރާ މޮޑަން" ވަރޝަންތައް ތަރައްގީކޮށް އަޕްގްރޭޑް ކުރުމަށް ގޮވާލާފަ އެވެ.

ރަޝިޔާ އާއި އުތުރުކޮރިޔާ ދެމެދު މި އޮތް ގުޅުމުގެ ސަބަބުން އެމެރިކާ އަދި ދެކުނު ކޮރެޔާއާއި މި ގައުމުތަކަށް ވާގިވެރިވާ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން