ދުނިޔޭގައި ހަލުވިކަމާއެކު ފެތެރުމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ވަބާ އެންމެފަހުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް ފޯރައި އެބިރުވެރިކަމާއި ނާމާންކަމާއި ހިތްދަތިކަން އަޅުގަނޑުމެން އެންމެން މިދަނީ ތަހައްމަލު ކުރަމުންނެވެ. މި ނުރައްކާތެރި ވައިރަސް ގައުމަށް އަރައި ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ ބޯ ކަޅުވިލާގަނޑަކުން މުޅި އުދަރެސް ބަނަކޮށްލިތާ 4 މަހަށްވުރެ ގިނަ ދުވަސް ފާއިތުވީއެވެ. ރާއްޖޭގައި ބަލީގެ ހާލަތު ރަނގަޅުނުވެ ހައްތަހާވެސް ނުރައްކާ ދަނީ ބޮޑުވަމުންނެވެ. ބިރުވެރި ކަމާއި ނާމާންކަން މިދަނީ އިތުރުވަމުންނެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޯވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު 100 އަށްވުރެ މައްޗަށް އަރައިގެންދާއިރު ބަލިޖެހޭ އަދަދު އިތުރުވެ ގިނަ ބަޔަކަށް ފަރުވާ ނުދެވި ގިނަ ބަޔަކު ބަލީގައި މިދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހިދާނެ ކަމުގެ ބިރުވެރި ޚަބަރުތައް ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ޑޮކުޓަރުން ދެއްވާ އިންޒާރުގެ ރަނގަބީލު ހަތަރު ދަމު އެދަނީ ޖަހަމުން އިއްވަމުންނެވެ. ކަމުގެ ނުރައްކާތެރި ކަމާއި ރާއްޖޭގެ ނާޒުކް ހާލަތު މިކަމުން ތަސައްވަރުކޮށްެލެވެއެވެ.

ރާއްޖެއަށް ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމުގެ ބޮޑު މުސީބާތުން ސަލާމަތްވާނެ ކަމުގެ ކޮޅު މައްޗެއް އަދި ހަމަ ނުފެނެއެވެ. މައިތިރި ކުރެވޭ ކަމުގެ އިހުސާސެއް އަދި ނުކުރެވެއެވެ. ބިރުވެރި ކަމެއް ކުޑައެއް ނުވެއެވެ. ރާއްޖެއިން ފެނުނު ކޮވިޑްގެ ފުރަތަމަ ކޭސް ރާއްޖޭގެ ރިސޯޓަކުން މިއަހަރުގެ މާރޗް މަހު ފެނުމާއެކު ސަރުކާރުން އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ. އޭރުގައި އެމަސައްކަތުގައި ލޮލުފިޔަ ނުޖަހައި ރެއާ ދުވާލު އެންމެ ބުރަކޮށް އުޅުއްވި ތަން ރައްޔިތުންނަށް ފެނިގެންދިޔައީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނެވެ. ކޮންމެ ދުވަހަކު ޕްރެސްކޮންފަރެންސް ބާއްވައި ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ރައްޔިތުންނާއި ހިސާބަށް ގެނެސްދެއްވި މޭސްތިރިންނަކީ އަލީ ވަހީދާއި އަމީންއެވެ.

ރާއްޖެ އޮތީ ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރަށް ކަމަށާއި، އެގޮތުން ފުލޯޓިންގ ހޮސްޕިޓަލުވެސް ހަމަ ހުރީ ތައްޔާރަށް ކަން ފާހަގަކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހާސްކަން ފިލުވައިދީ ރައްޔިތުންގެ ހިތައް ތަސައްލީއެއް ގެނެސްދެއްވީ އެ ދެބޭފުޅުންނެވެ. ކޮވިޑާއި ގުޅިގެން ސަރުކާރުން ކުރި މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން މިނިސްޓަރ އަލީ ވަހީދާއި މިނިސްޓަރ އަމީން ކުރެއްވި މަސައްކަތް ރައްޔިތުން ބަލައިގަތެވެ. އެެހެން ނަމަވެސް ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށް ރާއްޖެ "ތައްޔާރުކޮށްދިން" މި ދެބޭފުޅުން މިހާރު ވަނީ ނިޒާމުން އެއްފަރާތްވާން މަޖުބޫރުވެފައެވެ. އަލީ ވަހީދު މަގާމުން ވަކިކުރަންޖެހުނީ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކާއެކުގައެވެ. ރީތި ގޮތުގައި އިސްތިއުފާ ދެއްވުމަށް އެންގެވުމުން މިނިސްޓަރ އެގޮތެއް ބޭނުންފުޅެއް ނުވިއެވެ. މަގާމު އަތުލާންދެއް ހުންނެވީއެވެ. ވެންޓިލޭޓަރުގެ ޑީލްގެ މައްސަަލައިގައި ހެލްތު މިނިސްޓަރ އަބުދު ﷲ އަމީން އަމިއްލަފުޅަށް މަސްއޫލިއްޔަތުތަކުން އެކަހެރީވީއެވެ. ހީވާގޮތުން އެފަކީރުވެސް މިހާރު އެވަނީ އަޒުލު ކުރުމުގެ މަގުމަތީގައެވެ. ނޭވާ ހޮޅިއަށް އެޅެނީއެވެ.

ޙަގީގަތަކީ ބަލީގެ ވޯސްޓް ކޭސް ސިނާރިއޯ އަށް ރާއްޖެ ތައްޔާރުކޮށްދިން ކަމަށް " ފޮނި ކެނޑި" އެއްވެސް ވަޒީރަކު މިހާރު ދަނޑުމައްޗަކު ނެތްކަމެވެ. ކޮވިޑުން ރާއްޖެ ސަލާމަތްކުރުމަށް ބޮޑު ޓީމެއް ހަދައިގެން ކުޅެން ދަނޑަށް އެރީ މެނޭޖަރާއި ކޯޗު ވެސް ލަނޑު ޖަހަން އަރައި ކުރީގައި ޓީމާއެކު ތިބެ އަތުކުރި އޮޅާލައިގެންނެވެ. ކުޅުމުގެ ތެރެއިން ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި ކުރީގައި އޮތުމުން ދެވަނަ ހާފުގައި ކުޅެން ނެރުނީ ރިޒާވް ޓީމެވެ. ރިޒާވް ޓީމު ކުޅެން އަރުވައި އެންމެ ފަހުން މުޅި އެތި އަތަށް ގޮއްވާލައިފިއެވެ. ކުރީގެ ޓީމު ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލައި ބައިކޮޅަށް ލަނޑު ބަސްތާއެއް ވައްދާލައިފިއެވެ.

ހަގީގަތަކީ މިއީއެވެ. ރާއްޖޭގައި ބަލި ފެތުރެން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އެންމެ ކުރީގައި ހުންނަވައިގެން ބައެއް ވަޒީރުންނާއެކު ނުކުމެ ވަޑައިގެންނެވީ ގައުމީ ސަލާމަތީ ބާރުތައް ކުރީގައި ބައިތިއްބައިގެންނެވެ. ގައުމީ މިމަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެމީހުންގެ އެންމެ އިސް ވެރިޔާ އިޝާރާތް ކޮށްލުމާއެކު އެންމެން އެއްއަޑުން "ޔެސް ސަރ" އޭ ގޮވާލާ ޖަވާބުދީ ކޯވިޑާއި ހަނގުރާމަ ކުރަން ނުކުތީ އަމިއްލަ ފުރާނަ އައްޑަނައަކަށް ހަދައިގެންނެވެ. ދެން އެކި ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން އަތުގުޅާލައިގެން ނުކުތީ އަތާއަތް ގުޅާލައިގެންނެވެ. މާލެއިން އެންމެ ފުރަތަމަ ފެނުނު ބަލީގެ ކޭސް އާއެކު ފިޔަވަޅުތައް ހަރުދަނާކޮށްފިއެވެ. މާގިނަ ދުވަހެއް ނުވެ ލޮކްޑައުންކޮށްލައިފިއެވެ. ރައްޔިތުން ގޭގައި ބައިތިއްބައިގެން އެވެރީން ނުކޮށްދޭ ކަމެއް ނެތެވެ. އައިސް ބާގް ފެން ނޫނީ ނުދިރޭ މީހުންނަށް އެމީހުން ދިރިއުޅޭ ލިފްޓު ނެތް ގޭގޭގެ ހަތް ވަނަ ބުރިއަށް ސިފައިންނާއި ފުލުހުންގެ ކޮނޑުގައި ފެންކޭހާއި ކާޑު ބަސްތާއާއި ބޮޑެތި ފޮށިގަނޑުގަނޑާއި ދަރީންގެ ބުއްދަޅާއި ނެޕީއަށް ދާންދެން އުފުލައި ދެނީއެވެ.

ލޮކްޑައުން ދޫކޮށް ލުއިތައް ދޭން ފެށުމަށްފަހު ކޯވިޑްގެ ހުރިހާ ކަމެއް އަދި ކުރިން އިމަޖެންސީ ޓާސްކްފޯހުން ކުރި ހުރިހާ މަސައްކަތެއް ދޫކޮށްފައި އެމީހުން ދަރުބާރުގެއިން ނުކުތީއެވެ. ދެން ހުރިހާ ކަމެއް ހަވާލުވީ އެކަން ކުރަން ޖެހޭ ފަރާތް ކަމަށްވާ އެޗްޕީއޭއާއެވެ. ފުރަބަންދަށް ލުއިތައް ދިނުމާއި އާންމު ހާލަތަށް ދާން މަސައްކަތް ކުރުމާއި އެކުއެކީގައި އެޗްޕީއޭއިން މަސައްކަތް ފަށައިގަތީވެސް ވަރަށް ބޮޑު އުއްމީދެއްގައެވެ.

އަސްތާ ކަމަކު ދާކަށް ނެތެވެ. މިފަހަރު ރިޒާވް ޓީމަށް ކުޅެން މި އެރުވުނީ އެފަދަ ވަރުގަދަ މެޗެއް ކުޅުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ޓީމެކެވެ. މިމީހުންނަށް ވާވަރަކީ 20، 25 މީހުން ބަލިވާއިރުވެސް އެކަހެރިކުރަން ވެސް ނުގެންދެވެނީއެވެ. ފޯނަކަށް ޖަވާބުދާރީ އެއް ނުވެއެވެ. ވާނުވާ ވެސް ހަމަ ނޭގެނީ ކަހަލައެވެ. ބަލިމީހާ މަރުވެގެން އާ ސަހަރާގައި އޮއްވާ އައިސޮލޭޝަނަށް ގެންދަން ވެސް ގުޅެނީއެވެ. އަނެއްކޮޅުން ޕޮޒިޓިވްވާ މީހާ އައިސޮލޭޝަނަށް ވެސް ގެންދެވޭ ކަމަށްވަނީ އެގެއެއްގެ ހުރިހާ މީހުން ބަލީގެ ނުރައްކަލަށް ހުށައެޅި ވާނެ ހައެއްޗެއް ވާ ފަހުންނެވެ. ނުވިތާކަށް އޮޮޅިގެން ޕޮޒިޓިވް ނުވާ މީހުން، ކުދިން ކަރަންޓީނާއި އައިސޮލޭޝަނަށް ވެސް ހަމަ ގެންދެވެނީއެވެ.

މިވަރުން ދާނަމަ ކުރިއަށް އޮތް ދެ ހަފުތާ ނިމޭއިރު ހޮސްޕިޓަލުގެ ހުރިހާ ޑޮކުޓަރުންނާއި ނަރުހުން ހޮސްޕިޓާ ދޫކޮށްލައި ފިލާ ރައްކާވެދާނެއެވެ. ބައެއް މީހުން ބުނާގޮތުން އެޗްޕީއޭގެ ވާހަކަ ވޮށް އަލިވާ ހިސާބު ދައްކާކަށް ނުވާނެއެވެ. ކުރު ގޮތަކަށް މިދަންނަވާލީ އެންމެ ވާސްޓްކޭސް ސިނާރިއޯގައި ރާއްޖެ ބައްޔަށް ތައްޔާރުވެފައި އޮތް މިންވަރެވެ. ރާއްޖެ މިހާލަތަށް ތައްޔާރުވެފައި އޮޮތް މިންވަރަށް މާކްސް ދެއްވާނީ ދިވެހި ރައްޔިތުންނެވެ. ކޮވިޑާއި ގުޅިގެން މާލެ ފުރަބަންދު ކުރުމަށްފަހު ލިބުނު ލުއިތަކާއެކު ދެ މަހު ގޭގައިތިބެން ޖެހުމުން ކުރިމަތިވި ނުތަނަވަސްކަން ފިލުވައިލުމަށް އަންބާ ކިޔާފައި ގިނަ ބަޔަކު ދަތުރު ދާންވެސް ފެށީއެވެ. މަސްދަތުރާއި ޕިކްނިކް ދަތުރުތައް އޮތީ ހަމަ މެކުހަށް ޖަހާފައެވެ. ފޯރިއާއެކު އެއްވުންތަކާއި ޕާޓީތައް ބާއްވަން ފެށީ ސުމާރެއް ނެތިއެވެ.

ކޮފީ ޝޮޕްތަކާ ކެފޭތައް ހުޅުވުލުމާއެކު އެތަންތަނަށް ހީވީ އީދެއް ލައިގަތް ހެންނެވެ. އޮފީސްތަށް ހުޅުވާލުމުން ބަލިޖެެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވިއެވެ. ނަތީޖާ އަކަށްވީ ޖުލައި އެކަކުން ފެށިގެން ލޮކްޑައުންއަށް ލުއި ދިން ދުވަހުން ފެށީގެން އޮގަސްޓުމަހާއި ހަމައަށް އައި އިރު ބަލި ފެތުރޭ މިންވަރު އޮތީ އިންތިހާ އަށް އިތުރުވެފަ އެވެ. ބަލިމަޑުކަމުގެ އިތުރުން  އިގްތިސާދީ އަދި އިޖުތިމާއީ ގިނަ ގޮންޖެހުންތަކާއި ވެސް ރާއްޖެ ކުރިމަތިލައި އިގްތިސާދީ އަނދަވަޅަކަށް ވަނީ ވެއްޓިފައެވެ. އޭރު ބަލި ކޮންޓްރޯލު ކުރުމަށް ހަރުކަށި ފިޔަވާޅުތަކެއް އެޅީ ފުރަބަންދުކޮށްގެންނެވެ. ނަތީޖާއަކަށްވީ އެތެރޭގެ އިގްތިސާދު މުޅިންހެން ހުއްޓި އެތައް ވިޔަފާރިއެއް މަޑުޖެހި ބައެއް ވިޔަފާރިތައް ބަންދުކޮށް އެތައް ބަޔެއްގެ ވަޒީފާތައް ގެއްލިގެން ދިޔުމެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި އަނެއްކާވެސް އެއްބަޔަކު ފެށީ ނިޒާމީ ބަހުސެވެ. ހީވީ ދަނޑިވަޅު ބަލާފައި ރައީސް ސޯލިހުގެ ބޮނބިފަޅި މަތީގައި އެތިފަހަރެއް އެޅިހެނެވެ. ކޯވިޑް ނޫން ކަމަކަށް ސަރުކާރުގެ ވިސްނުން ނެތް މި ދަނޑިވަޅުގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ބަޔަކު އަވަސްވެގަތީ ވެރިކަމުގެ ނިޒާމު ބަދަލު ކުރާށެވެ. އެކަމާ ދެކޮޅަށް ކަމުވޮށިގެންވާ ބޭފުޅަކު އެއްޗެކޭ ވިދާޅުވާއިރަށް އެބޭފުޅަކު ސައިޒުކޮށްލުމުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދެވެ. އެހެންވީމާ މިދަނޑިވަޅުގައި ވެސް ނިޒާމު ބަދަލުކޮށް އެ ހިންގަން އުޅޭ "ޖަރީމާ" އަށް އެމަނިކުފާނު ހަމަ ވަރަށް ފުރިހަމަ އަށް ތާއީދު ކުރައްވާކަން ހާމަވެގެން ހިނގައްޖެއެވެ. މަޖިލީހުގައި އުޅޭ އެބުނާ ކަހަލަ 24 ގަޑިއިރު ހަމަ ބިމުގައި ފައިޖެހިފައި ނުހުންނަ ކަހަލަ "މޮޔަ" ކުއްޖަކު އެކަން ކުރަން އިސްނެގިއަސް އޭގެ ފަހަތުގައި ހޭޖެހޭ ބަޔަކު ތިބިކަން ގިނަ ބަޔަކު ޔަގީން ކުރީ ވެސް އެސަބަބާހުރެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ މީގެ އެތަކެއް އަހަރު ކުރިން ބަހުސްކޮށް ގޮތް ނިއްމާފައިވާ ކަމެކެވެ. ރައްޔިތުން ނިޒާމު ކަނޑައަޅާ ނިންމިތާ 13 އަހަރު ފާއިތުވެގެންދިޔަ ނަމަވެސް މި ބަހުސް އަދިވެސް މިއޮތީ ކުރިއަށެވެ. ގައުމުގެ ރިޔާސަތުގެ ކުޅިބައި އަލުން އަތުރާލަން ކެތްމަދުވެފައި ތިއްބެވި ބޭފުޅުންކޮޅެއްވެސް އެބައުޅޭކަން މިއަދު މިވަނީ ކަށަވަރުވެފައެވެ.

މުޅިދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި ރައްޔިތުން އަތާއިި އަގަޔާ ދިމާނުވެގެން އުޅޭއިރުވެސް ރައްޔިތުންގެ ބައެއް މަންދޫބުންގެ ފަރާތުން އަޑުއިވެމުން މިދަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަތަކެވެ. އެއްބަޔަކު ބަރުލަމާނީ ނިޒާމު ގެންނަން ފައިވިއްދައިފައި ތިބިއިރު އަނެއްބަޔަކު ބޭނުންވަނީ ރިޔާސީ ނިޒާމެވެ. ކޮންމެއަކަސް މި ބޮޑުބަލިމަޑުކަމުގެ ތެރޭގައި ވެސް އެއްބަޔަކު ހަމަ ތަޅާ ފޮޅަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށެވެ.

ރާއްޖެ މިއޮތް ނުރައްކާތެރި ހާލަތާއިމެދު ވެސް ކުޑަވެސް ވަރަކަށް ފިކުރު ކޮށްލުމެެއް ނެތީއެވެ. އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލްކުރުމަށް ހަމަ މަރުފަލި ޖަހަނީއެވެ. ރައްޔިތުންގެ އިހުސާސްތަކާއި ވިންދު އެނގޭ ކަމަށް ދައުވާކޮށް ރައްޔިތުންނަށް ނަނާ ހުވަފެންތަކެއް ދައްކައިގެން ވައުދުތަކެއްވެ ގޮނޑި ކާމިޔާބުކުރި މެމްބަރުން މިއަދު އެ ތިބީ ރައްޔިތުންނަށް ވާނެ އެއްޗެއް ވާން ދޫކޮށްލުމަށްފަހު އެމީހުންގެ އަމިއްލަ އެދުން ހާސިލްކުރުމަށް ފޫގަޅައިގެންނެވެ. އެއްވެސް މަޑުޖެހުމެއް ނެތި ބަލި ފެތުރެނީއެވެ. މަރުވާގަނޑުން މަރުވަނީއެވެ. އެޗްޕީއޭއަށް ސަކޭގާއެއް ނުވެއެވެ. ހޮސްޕިޓަލްތައް ފުރެނީއޭ، ޑޮކްޓަރުންނާ ނަރުހުން ވަރުބަލިވެ ތިރިވަނިއްޔޭ ގޮވާ އެވެރިން ހަތަރެސް ފައިން ހޯހޯ ގޮވާއިރުވެސް ރައްޔިތުންގެ މަންދޫބުން ހިރުވާތަން ކަހާވެސް ނުލައެވެ.

ކަންބޮޑުވެގެން މަޖިލީހުގެ ތަޅުމަކު އެވާހަކައެއް ނުދައްކައެވެ. މެންބަރުން އުޅުއްވަނީ ޖަލްސާ ބާއްވައިގެން ސިޔާސީ ކޯޅުމުގައެވެ. މަޖިލީހުގައި ތިބި ހައެއްކަ ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ފުރާލައިގެން ތިއްބެވީ ސަރުކާރަށް ނިސްބަތްވާ މެންބަރުންނެވެ. އެކަމަކު ސިޔާސީ ވެރިން ގެނަސްގެން ސިޔާސީ އަނގަތަޅައި ސިޔާސީ ގޮތުން ސަރުކާރު ބަލިކަށި ކުރުން ނޫން ކަމެއް ކުރާތަނެއް ނުފެނެއެވެ. ބަލި ފެތުރޭ ވާހަކައެއް، ބަލި ކޮންޓްރޯލް ނުވެގެން އުޅޭ ވާހަކައެއް ނުދައްކައެވެ. ޓާސްކްފޯސް ކޮބައިތޯއެއް ނުބަލައެވެ. ބަލި ކޮންޓްރޯލް ނުވަނީސް، ނަތީޖާ ނުލިބެނީސް "މައިމޫނާ ދައްތަގެ" އަތްމައްޗަށް ރައްޔިތުން ދޫކޮށްލާފައި އެބުނާ ޓާސްކްފޯސް ފިލާ ރައްކާވީ ކޮން ފަދަ ތަހުލީލެއް ކުރަން ކޮންކަމެއް ހާސިލު ކުރަންތޯ ސުވާލުކޮށްލައި އެމީހުން ޖަވާބުދާރީ ކުރުވާކަށް ބޭނުމެއް ނުވެއެވެ. އިބުރާ ވިދާޅުވާހެން ބޮޑުގެރި އެއޮތީ ވަޅަށް ވެއްޓިފައިތާއެވެ. ދެން އޮތީ އޭތި ކުނި ނުވަނީސް ވަޅުން ނެގުމަށް މަޝްވަރާ ކުރުން ކަމަށްވެސް ވެދާނެއެވެ. އެހާތަނަށް ދާއިރު ކޮޅަށް ތިބޭނީ ކިތައް ރައްޔިތުން ކަމެއް، މިދާ ވަރުން ދަންޏަކާ ދަންނަވާކަށް ހަމަ ނޭނގެއެވެ.

މިހާރު މިއީ އެއްވެސް މަޖިލީހެއްގައި އެއްވެސް މޭޒެއްގެ ދަށުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވާ ރައްޔިތުންނަށް ހެއުއެދޭ މީހުން، ބޭފުޅުން، ކޯވިޑް ނޫން އެހެން ވާހަކައެއް ދައްކާކަށް ވީ ވަގުތެއް ނޫނެވެ. ރައްޔިތުންގެ މަންދޫބުން ވިޔަސް ވަޒީރުން ވިޔަސް ސިޔާސީ މީހުން ވިޔަސް ކައުންސިލަރުން ވިޔަސް ޗެއާމަނުންނާއި އެމްޑީންނާއި މެނޭޖަރުން ވިޔަސް މިއަދު ދައްކަންވީ އެވާހަކައެވެ. މަސައްކަތް ކުރަންވީ ބަލި ކޮންޓްރޯލްކޮށް ގައުމުގެ އިގުތިޞާދު އަވަހަށް ހަމައަކަށް އެޅުވުމަށެވެ. ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ ސަލާމަތް ކުރުމަށެވެ.

ކޮވިޑްފެތުރުން ކޮންޓްރޯލުކުރުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަންވީ އެވެ. ސިއްހީ މާހިރުންގެ އިރުޝާދު ތަކަށް ބޯލަނބައި، އިރުޝާދުތަކަށް ތަބާވާންވީއެވެ. މިހާރު އަތްނުފޯރާ ފަށަށް އުފުލިފައިވާ ނަންބަރު ތިރިކުރުމަށް އެމީހެއްގެ އަމިއްލަ ޒިންމާ އަދާކުރަންޖެހޭ ވަގުތު ޖެހިއްޖެއެވެ. ލޮކްޑައުންއެއްގެ ހިތި ރަހަ ވަރަށް ރަނގަޅަށް ކަރުބުޑުގައި ލައިފިއެވެ. ސަލާމަތްވާން އޮތީ އެބުނާހެން އަތް ދޮވެ މާސްކް އަޅައި ގައިދުރުކޮށް ބަސް އަހައިގެން ގޭގައި ތިބެގެންނެވެ. އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހެކެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން