އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   28 އޯގަސްޓު 2020 - 15:20
މީގެކުރިން އިދިކޮޅު ފަރާތްތަކުން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން
މީގެކުރިން އިދިކޮޅު ފަރާތްތަކުން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން
ކޮވިޑްްގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫނެވެ. އިދިކޮޅުގެ މުޒާހަރާތަކުގެ އަޑުވެސް މިވަނީ ގަދަވެފައެވެ. އިދިކޮޅުން އޮތީ މުޅި ރާއްޖޭގައި ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ބާއްވަން ދޮންވެ ފައްކާވެފައެވެ. ކަނޑުމަތީގައި މާފުށީ ރަށްބޭރުގައި އޭގެ ތަމްސީލެއް ކުޅެފިއެވެ.

މުޒާހަރާތައް އޭގެ ފެންވަރުގައި ނުބޭއްވިގެން އުޅެނީ އިދިކޮޅުން ބުނާގޮތުގައި ކޮވިޑްގެ ރޯގާ ބަލިމަޑުކަމާހުރެ ޤައުމު އޮތް ހާލަތުންނެވެ. އެހެންނަމަ ސަރުކާރު ހަމަބިމަށް ތިރިކުރަން ފަތުއަޑުގޮވާ ވަރަށް މުޒާހަރާތައް ބާއްވާނެ ކަމަށެވެ.

އިދިކޮޅުން މުޒާހަރާތައް ބާއްވަން ގަސްދުކޮށް އިޢުލާން ކުރާ ހިސާބުން ކޮވިޑް ކޭސްތައް އިތުރުވާ ކަމުގެ އަޑުތައްވެސް އަރައެވެ. އިދިކޮޅުން ބުނަނީ މިއީ ސަރުކާރުން ޖައްސާ ސްޓަންޓެއް ކަމަށެވެ.

މިހާރު އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކައަކީ އަދި އިދިކޮޅުންވެސް ދައުވާކުރާ ގޮތުގައި މުޅި ރާއްޖޭގައި އިދިކޮޅުން ބާއްވަން އުޅޭ މުޒާހަރާތަކުގެ ބިރުވެރިކަން ސަރުކާރަށް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އިދިކޮޅުން ބާއްވަން އުޅޭ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ކޮވިޑް ކޭސްތައް އިތުރުކޮށް ކޮވިޑް ބޮލުގައި އެކަން އަޅުވާފައި ފުރަބަންދެއް ގެންނަން އުޅޭ ކަމުގެ އަޑުތަކެއްވެސް އެބަފެތުރެއެވެ.

ކެފޭތަކާއި މައިޒާންތަކުގައި އެއްބަޔަކު ކިޔަނީ ކޮވިޑްގެ ކަންތައް މާބޮޑަށް މަތިވެގެން އެ ބަލި ކޮންޓްރޯލް ކުރަން އަޅާފިޔަވަޅެއްގެ ގޮތުން އަނެއްކާވެސް ފުރަބަންދެއް ވާން އެބައުޅޭ ކަމަށެވެ. އަނެއްކޮޅުން އިދިކޮޅު ކޯލިޝަނާއި ސަރުކާރާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ބުނަމުންދަނީ މުޒާހަރާއެއްގެ ވާހަކަ ދައްކާލާއިރަށް ސަރުކާރުން މިއޮއްގަންނަ ބިރެއްތާދޯއެވެ. މޭ ގުޑުގުޑު އެޅިޔަސް މިއީދެން ފުކެއް ބޮޑުވަރެވެ. މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ފުރަބަންދަކަށް ގެންދަން ނިންމާފައިވާ ކަމުގެ ތުހުމަތު އެފަރާތްތަކުންވެސް އެބަކުރެއެވެ.

ކޮންމެއަކަސް އަނެއްކާވެސް ފުރަބަންދެއް އަންނަން އުޅޭކަމުގެ އަޑުތައް ދޫދޫމަތިން އިވެމުން އައިސް މިހާރު އެވާހަކަ ވެފައި މިވަނީ ވަރަށް ގަދައަށް އިވޭ އަޑެއްގެ ގޮތުގައެވެ. މިހާތަނުން އުފެދޭ ސުވާލަކީ މިއޮއް ހުރިހާ ދުވަހު މުޅި ރާއްޖެއަށް މި ބަލި ފެތުރި ކޮވިޑް ކޭސްތައް މަތިވެގެން ގޮސް ދުވާލަކު މީހަކު އެބަލީގައި މަރުވެދާއިރުވެސް ނުވި ފުރަބަންދެއް މިހާރު ވާންވީ ކީއްވެގެންބާވައެވެ.

މިއީ އިދިކޮޅުން އެބުނާ ގޮތަށް އިދިކޮޅުގެ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ރާވާ ނުބައި ރޭވުމަކީބާވައެވެ؟ ނުވަތަ ހަމަ ޙަޤީޤަތުގައިވެސް ކޮވިޑް މައިތިރިކުރަން ސަރުކާރުން ހެޔޮނިޔަތުގައި އަޅަންއުޅޭ ފިޔަވަޅަކީބާވައެވެ؟ ތެދެއް ދޮގެއް އަދި ވަތްކެއް ނުވެއެވެ. އެނގޭހާވެސް ކަމަކީ ފުރަބަންދެއް ބޯމަތިވެއްޖެ ކަމުގެ އަޑުތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން