ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ
ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ޝިންޒޯ އަބޭ އިސްތިއުފާ ދެއްވައިފި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 65 އަހަރުގެ އަބޭއަކީ މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ޖަޕާނުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޤާމުން އިސްތިޢުފާ ދެއްވަވާފައިވާކަން އިޢުލާނުކުރައްވަމުން އަބޭ ވިދާޅުވީ ރައްޔިތުންގެ ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ނެތުމުން މަޤާމުން އިސްތިޢުފާދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ގޮހޮރު ދުޅަވުން ނުވަތަ އަލްސެރޭޓިވް ކޮލައިޓިސް ޖެހިވަޑައިގެން ބޮޑުވަޒީރު އަބޭ ފަރުވާ ހޯއްދަވަމުންދާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. މި ބަލީގެ ތަކުލީފުތަކުގައި، މީގެ ކުރިންވެސް އަބޭ ވަނީ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އަބޭ ވަނީ އޮގަސްޓްމަހު 3 ދުވަހުގެ ޗުއްޓީއެއް ނަންގަވާފައެވެ. އޮގަސްޓްމަހުގެ 17 ވަނަ ދުވަހު އަބޭ ހޮސްޕިޓަލަށް ވަޑައިގެން 7 ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މަގާމުން ރަސްމީ ހައިސިއްޔަތުގައި އިސްތިއުފާ ދެއްވި ނަމަވެސް، އާ ބޮޑުވަޒީރަކު ކަނޑައެޅެންދެން އެ މައްސޫލިއްޔަތު އަދާކުރައްވާނީ އަބޭ ކަމަށް ޚަބަރު ލިބެއެވެ. ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވުމާއެކު އާ ލީޑަރަކު އިންތިހާބު ކުރުމުގެ މަސައްކަތް، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)އިން ކުރަންޖެހެއެވެ. އާ ބޮޑުވަޒީރަކު ކަނޑައަޅާނީ ގާނޫނު ހަދާ މަޖިލީހުންނެވެ. އަބޭއަށްފަހު ދެން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަބޭގެ ޑެޕިއުޓީ އަދި ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި ޓާރޯ އަސޯ އެވެ.

2012 ވަނަ އަހަރު ޖަޕާނުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި އަބޭ ވަނީ އޭގެކުރިން 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށްވެސް ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަބޭ އިސްތިއުފާ ދެއްވުމަށް ނިންމާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ ލިބެރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)އާ އެޕާޓީ އާ ގުޅިފައިވާ އެހެން ޕާޓީތަކުން ވަނީ ޕާޓީގެ ރައީސްކަމާއި ބޮޑުވަޒީރުކަމުގެ ދައުރު ހަމަވަންދެން އެމަގާމުތަކުގައި ހުންނެވުމަށް ބާރު އަޅާފައިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން