އިންޑީއާގެ ލިޓްލް ގާޑެން ސްކޫލު ޓީޗަރަކު ދަރިވަރަށް އަނިޔާކުރާ މަންޒަރު:
އިންޑީއާގެ ލިޓްލް ގާޑެން ސްކޫލު ޓީޗަރަކު ދަރިވަރަށް އަނިޔާކުރާ މަންޒަރު:
އިންޑިއާގެ ވިސާކަޕަޓްނަމްގެ ޕްރައިވެޓް ސްކޫލެއް ކަމަށްވާ "ލިޓްލް ގާޑަން ސްކޫލް" ގައި ޔޫކޭޖީގައި ކިޔަވަމުންދިޔަ އުމުރުން ހަ އަހަރުގެ ޕްރަނޭ ތޭޖް، ޓީޗަރުގެ އަނިޔާތަކަށްފަހު ކްލާސްރޫމް ތެރެއަށް ވެއްޓި މަރުވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.

ސްކޫލްގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ޓީޗަރު އެ ކުއްޖާއަށް ކްލާހުގެ ކުރިމައްޗަށް އައުމަށް އެންގުމުން ކުއްޖާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަދި ހަވާލުކުރި ފިލާވަޅު ފުރިހަމަ ނުކޮށް ހުރުމުން، ޓީޗަރު ވަނީ އެ ކުއްޖާގެ ގައިގައި ހިފައި ތަޅުވައިގަނެ، ގަމީހުގެ ގޮށްތައް ނައްޓަން މަސައްކަތްކޮށްފައެވެ. އެއަށްފަހު ކުއްޖާގެ މޫނުމަތީގައި ޖެހިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ކުއްޖާ ވަނީ ޓީޗަރުގެ ގައިމައްޗަށް ދެމި، ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ.

އެ ކުއްޖާ ވަގުތުން ކިންގް ޖޯޖް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ކުއްޖާ މަރުވާން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މަރުވި ކުއްޖާގެ މަންމަ، ސާއީ ލަކްޝްމީ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ހޯމްވޯކް ނުނިމޭތީ ޓީޗަރު އަނިޔާކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އެދުވަހު ހެނދުނު ސްކޫލަށް ދާންވެސް ދަރިފުޅު ފަސްޖެހުނު ކަމަށެވެ.

އަދި ޔޫކޭޖީގައި ކިޔަވާ އެހާ ކުޑަކުއްޖަކަށް އެފަދަ ބިރުވެރިކަމަކާއި އަނިޔާއެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ހާދިސާ ހެނދުނު 11:00 ހާއިރު ހިނގި ނަމަވެސް، ސްކޫލްގެ ފަރާތުން އާއިލާއަށް މިކަން އަންގާފައިވަނީ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ. މިކަމާ ގުޅިގެން ކުއްޖާގެ އާއިލާއިން ވަނީ ސްކޫލް މެނޭޖްމަންޓާއި މިކަމުގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި އިހުތިޖާޖު ކޮށްފައެވެ.

އަންދްރަ ޕްރަދޭޝްގެ އެޑިއުކޭޝަން މިނިސްޓަރު ނާރާ ލޯކޭޝް ވަނީ މި ހާދިސާ ކުށްވެރިކުރައްވައި، ކުއްޖާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ޒިންމާވާ ޓީޗަރަށާއި ސްކޫލް މެނޭޖްމަންޓަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ސަރުކާރު އޮތީ އާއިލާއާއެކު ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް