ދުނިޔޭގައި އެންމެ ގިނައިން ކުޑަކުދިންގެ ގުނަވަންތައް ވަކިކުރަން ޖެހެނީ ޣައްޒާގައި އދ. އިން ބުނެފިއެވެ.

އދ. އިން މިހެން ބުނެފައި ވަނީ އދ. ޔޫއެންއާރުޑަބްލިއުއޭ – ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ އިންސާނީ ހާލަތުގެ އެންމެ ފަހުގެ އެސެސްމަންޓް އާންމުކުރުމަށް ނެރުނު ރިޕޯޓުގައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް އަރައި ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ޒަހަމްވެފައިވާއިރު އޭގެ ތެރެއިން ބައެއް ހާލަތްތަކުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ވަރަށް ގިނަ ކުދިންގެ ގުނަވަންތައް ވަނީ ކަނޑަން މަޖުބޫރުވެފައެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވާގޮތުގައި ޣައްޒާގެ ގެދޮރު ގެއްލިފައިވާ 945،000 މީހުން އެބަތިއްބެވެ. އަދި އެމީހުންނަށް ކުރިޔަށް އޮތް ފިނި މޫސުމުގައި އުޅެން ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރައްކާތެރިކަން ނެތުމުން ޔޫއެންއާރުޑަބްލިއުއޭ އަށް ޣައްޒާއަށް ދެމުންދާ އެހީތައް މަޑުޖައްސާލަން މަޖުބޫރުވެފައިވާކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ސަބަބަކީ އެހީ ހިފައިގެން ޣައްޒާއަށް ދާ މަގަށް އިސްރާއީލުން ހުރަސް އަޅައި ލޫޓުވައި ހަމަލާދޭތީ ކަމަށް މީގެ ކުރިންވެސް އެހީދޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ހަމަލާތަކާއި އަސްކަރީ އަމުރުތަކުގެ ސަބަބުން ޣައްޒާގެ 1.9 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފަލަސްތީނުގެ ބިމާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށި ފަހުން ޔޫއެންއާރުޑަބްލިއުއޭގެ 251 މުވައްޒަފުން މަރުވެފައިވާކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ޔޫއެންއާރުޑަބްލިއުއޭގެ 27 ސިއްހީ މަރުކަޒުގެ ތެރެއިން މިހާރު ހިންގަނީ އެންމެ ހަތް މަރުކަޒު ކަމަށާއި ގިނަ ތަންތަނަށް އިސްރާއީލުން ހަމަލާދީފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޣައްޒާގައި އިސްރާއީލުން ހިނގި ނަސްލު ނައްތާލުމުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މަދުވެގެން 44،502 ފަލަސްތީނު މީހުން މަރުވެ 105،454 މީހުން ވަނީ ޒަޚަމްވެފައެވެ. އެ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން