ޒަމާނަށް އައި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ވައްކަން ކުރާ މީހުން އެކަން މިހާރު ކުރަނީ މާ އެޑްވާންސްކޮށެވެ. ހިއްޏަށް ހަކުރު އޮޅުވާލާހާ މޮޅަށެވެ. ވައްކަން ކުރާ މީހުން އެކަން ކުރުމަށް މީހުންގެ ހިތަށް ވެސް ނުގެނެވޭ މޮޅު އެކި އުކުޅުތައް ބޭނުންކުރެއެވެ. މިހާރު ވައްކަން ކުރަނީވެސް ނިކަން ރަނގަޅަށް އެކަން ކުރާ ޒަމާނީ ގޮތްތައް "ގޫގުލް މުދައްރިސު" ކައިރިންނާއި ފިލްމުތަކުން ބަލައި ދަސްކޮށްގެންނެވެ.

މާލޭގެ ފިހާރަތަކުން ވައްކަން ކުރުން އާންމު ކަމަކަށްވެފައިވާއިރު، މިފަހުން ވައްކަން ކުރާ މީހުންގެ މޮޅު އުކުޅެއް ވިޔަފާރިވެރިއަކު ހޯދައިފިއެވެ. ވައްކަން ކުރާ މީހުން މިފަހަރު ހަދާ ވަޑާމަކީ ފިހާރަތަކަށް ވަދެ އެއްޗެހި ގަތުމަށްފަހު އަމިއްލަ އަށް ހަދާފައިވާ ބޭންކްގެ ޓްރާންސްފާ ސްލިޕް ދެއްކުމަށްފަހު ގަތްކަމަށްބުނާ އެތިކޮޅު ހިފައިގެން ފިލައި ރައްކާވަނީއެވެ. ފިހާރައިގެ ސޭޓް އިންނަނީ އެމީހާ ފައިސާ ދެއްކި ކަމަށް ގަބޫލުކޮށްގެން ގިނައިން ވިޔަފާރިވާތީ ހެވި ދިލިފައެވެ. ވިކުރާ ރަނގަޅުވެ ފިހާރައިގެ އެކައުންޓު ފުރޭތީ ސޭޓުން ތިބެނީ ހިތްހަމަ ޖައްސާލައިގެންނެވެ.

އެކަމަކު ހަގީގަތް ފަޅާއެރިއިރު އަސްތާ ސަހަރޯއެވެ.! ކަމަކު ދާކަށް ނެތެވެ. ފިހާރައިން ވިޔަފާރިކުރުމަށްފަހު މޯބައިލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރު ފިހާރައިގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ ފައިސާ ފިހާރައިގެ އެކައުންޓަކަށް ނުވަދެއެވެ. އޭނާ ޖައްސަނީ ހުސް ފޭކެވެ. އެކަން ބައެއް ވިޔަފާރިވެރިންނަށް ހަމަ ރޭކާވެސް ނުލައެވެ. މިހާރުވެސް އެތަށް ސޭޓަކަށް އެގޮތަށް ވަގު ކަސްޓަމަރުން ލަނޑުދީފިއެވެ. ވަގުން ވައްކަން ކުރާނީ ހިއްޏަށް ވެސް އޮޅުވާލައިފައެވެ. ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަހޭ ބުނާހެން މިފަހަރު ސޭޓް ހުޝިޔާރުވެ ހުރުމުން މިފަހަރު ވަގުކަލޭގެ އަށް ސަލާމަތްވާ ގޮތް ނުވެ ބޭޒާރުވީއެވެ.

މިފަހަރު އެންމެ ޒަމާނީކޮށް ޑިޖިޓަލްކޮށް ފިހާރަތަކުން ވައްކަން ކުރާގޮތް "ރަސްއޮންލައިން" އިން ބަލައި ވަރަށް ރަނގަޅަށް ދިރާސާއެއް ހަދާލައިފީމެވެ. އަޅުގަނޑުމެންގެ ނޫސްވެރިން ބެލިބެލުމުން އެނގުނުގޮތުގައި ފިހާރަތަކުން ވައްކަންކުރާ މީހުން އެކަން ކުރަން އެންމެ ފުރަތަމަ ކުރާކަމަކީ ފިހާރައަށް ގޮސް ގަންނަން ބޭނުންވާ އެއްޗެއްގެ އަގާއި ފިހާރައިގެ އެކައުންޓު ނަންބަރު ހޯދަނީއެވެ. އެއަށްފަހު އަނބުރާ ގެއަށް ގޮސް ކޮމްޕިއުޓަރުން ނުވަތަ ފޯނުން ޓްރާންސްފަރ ސްލިޕެއް އަމިއްލައަށް އެޑިޓްކޮށްލައިގެން ހަދާލަނީއެވެ. އެޑިޓްކޮށްލާ އެ ސްލިޕް ބޭންކް ސްލިޕާ އެއްވެސް ތަފާތެއް ނުހުރެއެވެ. ސޭޓަށް ޝައްކުނުވާ ވަރަށް އެކަން ކޮށްލަނީ ފިސާރި މޮޅަށެވެ.



އެޑިޓްކޮށް ހަދާފައިވާ ފޭކް ސްލިޕެއް

ސްލިޕްގެ ތާރިޚާއި ވަގުތާއި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓްކުރުމަށްފަހު އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން ފިހާރަ އަށް ދަނީއެވެ. ފިހާރަ އަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން ވަގުކަލޭގެ ބުނަނީ ފައިސާވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބާކޮށްފައިވާ ކަމަށެވެ. ފިހާރައިގެ ފޯނަށް ޓްރާންސްފަރ ސްލިޕް ވައިބާ ކޮށްފައި އިނުމުން ސޭޓްވެސް އެކައުންޓް ބަލާކަށް ނުހަދައެވެ. ޓްރާންސްފަރ ސްލިޕް ވައިބަރ ކޮށްފައި އިނީމާ ވިޔަފާރިކުރި މީހާ ނުވަތަ އެއްކަލަ ވަގު ކަސްޓަމަރަށް އޯކޭދީ ފޮނުވާލަނީއެވެ.

ހުރިހާ ފިހާރަތަކެއްގައި އަބަދު ތިބެނީ ފިހާރައިގެ ވެރި މީހާއެއް ނޫނެވެ. ނުވަތަ ފައިސާ ޖަމާވާ އެކައުންޓަށް ވަގުތުން ވަދެވޭ މީހަކުވެސް ނޫނެވެ. ފިހާރައިގެ އެކައުންޓު ވަގުތުން ޗެކް ނުކުރެވޭތީ ފައިސާ ޓްރާންސްފަރ ކުރިކަން ޔަގީން ކުރެވޭގޮތެއް ފިހާރައިގެ ސޭޓަކަށް ގިނަ ފަހަރަކަށް ނޯވެއެވެ. ނޫނީ އެކައުންޓަށް ވަދެ ވުނަސް އެވަރަކަށް ސޭޓުންގެ ވިސްނުމެއް ނުދެއެވެ. މިފަދަ ކަމެއް ކުރާނެ ކަމަކަށް ވިސްނުމަށްވެސް ނާންނަނީއެވެ. އެހެންވީމާ ފިހާރަތަކުން ވައްކަން ކުރާ މި މީހުން ރަނުގެ ފުރުސަތު ބޭނުން ކޮށްލަނީއެވެ.

ދާދިފަހުން މިގޮތަށް ތިން ފަހަރުމަތިން މާލޭގެ ފިހާރައަކުން މީހަކު ވައްކަންކުރި ފަހުން އެކަން ފަޅާއެރި ގޮތާއި އެކަން ހިނގާ ދިޔަގޮތް އެކަން ދިމާވި ފިހާރައިގެ ވެރިމީހާ "ރަސްއޮންލައިން" އާއި ހިއްސާކުރިއެވެ. މަޖީދީމަގުގައި ހުންނަ އެ ފިހާރައިގެ ސޭޓް ބުނީ ފިހާރައިން މީހަކު 200 ރުފިޔާގެ ސިނގިރޭޓް ގަނެ ފައިސާ ޓްރާންސްފަރ ކޮށް ސްލިޕް ވައިބާ ކުރި ކަމަށް ބުނެ އެމީހާ ދިޔައީ ކަމަށެވެ. އޭގެފަހުން އެހެން ދުވަހަކު އޭނާ ހަމަ އެ ފިހާރަ އަށް ވިޔަފާރިކުރަން އައެވެ. ނަސީބު ކަން ދިމާކުރިގޮތުން އެވަގުތަކީ ފިހާރައިގެ ވެރިމީހާ ވެސް ފިހާރައިގައި އިން ވަގުތެކެވެ. އެމީހާ ވިޔަފާރި ކުރުމަށްފަހު ހަމަ އެގޮތަށް ފައިސާ ފޮނުވައި ސްލިޕް ވައިބާ ކުރި ކަމަށް ބުނުމުން ފިހާރައިގެ ވެރިމީހާ އެކައުންޓު ޗެކްކުރިއިރު ފައިސާ ޖަމަ އެއްނުވެއެވެ. ވަގު ހެދިކަން ފަޅާއެރީ އެހާ ހިސާބުންނެވެ.

މިގޮތުން މި ފިހާރައިން އެކަނިވެސް މިމަހުގެ 26 ވަނަ ދުވަހު 200 ރުފިޔާގެ ވިޔަފާރި، 27 ވަނަ ދުވަހު 280 ރުފިޔާގެ ވިޔަފާރި އަދި 28 ވަނަ ދުވަހު 200 ރުފިޔާގެ ވިޔަފާރި މިގޮތަށް ވަގު ޓްރާންސްފަރ ސްލިޕް ހަދައިގެން ކޮށްފައި ވާކަމަށް ފިހާރައިގެ ވެރިޔާ މައުލޫމާތު ދީފައިވެއެވެ.

ފިހާރައިގެ ވެރިމީހާގެ އެކައުންޓަށް ފައިސާ ޖަމާނުވާ ކަމަށް ބުނުމުން ވައްކަން ކުރި މީހާ ބުނަނީ ފައިސާ ޖަމާވާން ކުޑައިރުކޮޅެއް ނަގާނެ ކަމަށް ބޭންކް އިން ބުނި ކަމަށެވެ. ވަގުކަލޭގެ އެހެން ބުނުމުން ޓްރާންސްފަރ ކުރާ ފައިސާ ވަގުތުން އެކައުންޓަށް ޖަމާވާނެ ކަމަށާއި، ވަގުތުން ފައިސާ ޖަމާނުވެ ޑިލޭ އުޅޭނީ ޕީއޯއެސް މެޝިނުން ހަދާ ޓްރާންސް ސެކްޝަންގައި އެކަނި ކަމަށް ވިޔަފާރިވެރިޔާ ބުނެ ވަގު ކަސްޓަމަރުގެ ބަހާއި ވެރިމީހާ ދެކޮޅު ހެދިއެވެ.



ފިހާރައިގެ ވެރިޔާ ބުނީ އެންމެ ފަހުން މައްސަލަ ހައްލުނުވެގެން ބޭންކަށް ގުޅައި ޓްރާންސްފަރ ކުރި ސްލިޕްގެ ރެފަރެންސް ނަންބަރ ބޭންކަށް ކިޔައިދިނުމުން، އެމީހާ ކުރި އެއްވެސް ވިޔަފާރިއެއްގެ އެއްވެސް ފައިސާ އެއް އެކައުންޓަށް ޖަމާނުވާކަން ބޭންކް އިން ވެސް ޔަގީންކޮށްދީފައިވާ ކަމަށެވެ. ވިޔަފާރިވެރިޔާ ބުނެފައިވަނީ ވައްކަން ކުރާ މީހާ ވިޔަފާރި ކުރަން އައިސް ފިހާރައަށް ނުވަދެ ބޭރުގައި ހުންނައިރު އިރުއިރުކޮޅުން ފޯނަށް ބަލާކަން ފިހާރައިގައި ހުރި ސީސީޓީވީ ފުޓޭޖުން ފާހަގަކުރެވިފައިވާ ކަމަށެވެ. ވަކި ގަޑިއަކަށް ސަމާލުވެގެން ފިހާރަ އަށް ވަންނަން މަސައްކަތް ކުރާކަން މި ވިޑިއޯއިން ދެނެގަނެވިފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިހާދިސާ ހިނގި ފިހާރައިގެ ސީސީޓީވީ ފުޓޭޖް ވެސް "ރަސްއޮންލައިން" އަށް ވަނީ ލިބިފައެވެ. ވީޑިއޯ އިން ފެންނަގޮތުގައި ކައުންޓަރު ކައިރީގައި ނޫކުލައިގެ ގަމީހެއް ލައިގެން ހުރި އެމީހާ ވަރަށް ހާސްވެގެން ދެކޮޅަށް ހިނގާތަން ފެނެއެވެ. ފިހާރައިގެ ވެރިފަރާތުން ބުނީ ވައްކަން ކުރި މީހާ ފިހާރައިގެ ކައުންޓަރު ކައިރީގައި މަޑުކޮށްގެން ހުރީ ފިހާރައިގެ އެކައުންޓު ޗެކްކުރަންދެން ކަމަށެވެ. އެހެން ހުރެފަ އެބަ އަންނަމޭ ކިޔާފައި އޭނާ ފިހާރަ އިން ނިކުމެގެންދިޔައީއެވެ. ފަހުން ސްލިޕް ވައިބާކުރި ނަންބަރަށް ފިހާރަ އިން ގުޅުމުން ނަންބަރުވެސް ބޮލްކް ކޮށްލީއެވެ. ހެދީ މަކަރު ކަން އިތުރަށް ޔަގީންވީ އެހާ ހިސާބުންނެވެ.



ފޭކް ޓްރާންސްފަރ ސްލިޕް ހަދައިގެން އައިސް ހުރި މީހާ ނޫކުލައިގެ ގަމީހެއްގައި އެކައުންޓް ޗެކް ކުރާތީ މަޑުކޮށްލައިގެން

" އަޅުގަނޑުމެން ބެލި ބެލުމުން މިއެގެނީ ސްލިޕްގައި އިން ގަޑިއަށް ފިހާރަ އަށް ވަންނަކަން. އޭރުން އޭނާ ބުނާ ގަޑީގައި ހުންނާނީ ޓްރާންސްފަރ ހަދާފައިތާ، އެގޮތަށް ހުންނަނީ، ދެން ވަރަށް މޮޅަށް އެކަން ކުރަނީ އެކަން، ވަރަށް ބޮޑު ނެޓްވޯކެއް އެބައުޅޭ މިކަމުގައި، އަނެއްކާ ގިނަ ތަންތަނުގައި މި ވާގޮތަކީ އަހަރެމެންނަށް ވެސް ފާހަގަކުރެވޭ ކަމެއް އެއީ، ޓްރާންސްފަރ ކޮށްލީމަ ސޭޓް ބުނެލާ އޯކޭ އޭ ސްލިޕް ނުފޮނުވިއަސް، ފޯނުން ދައްކާލާށޭ ބުނީމާ ދައްކާލާފަ ފޮނުވާލާ ތަންތަން އެބަހުރި، މިހެން މިކަން ވައްޏާ މިކަމަށް ފެންބޮވައިގެންފައި ތިބޭ މީހުންނަށް ކިހާ ބޮޑު ފުރުސަތެއް މިލިބެނީ." ނޫހާއި މައުލޫމާތު ހިއްސާ ކުރެއްވި ވިޔަފާރިވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނީ ނޭގި ނަމަވެސް މިފަދަ އެތަށް ކަމެއް ހިގާފައި ހުރެދާނެ ކަމަށާއި، މިފަހަރު ވަގުކަލޭގެއާމެދު ޝައްކު އުފެދުނީ އޭނާ ހުރިގޮތުން ކަމަށެވެ. "ޕާޓޭ" އެއްގެ ގޮތަށް ހުންނަ މީހަކަށް ބަލައި ފާރަވެރިވި ނަމަވެސް ވަރަށް ޑީސެންޓްކޮށް، މައުސޫމްކޮށް، ޕްރޮފެޝަނަލްކޮށް ތިބޭ މީހުން އެކަހަލަ ވަގު ހަދާނެ ކަމަކަށް ގަބޫލު ނުކުރެވެނީ ކަމަށް ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުނެއެވެ.

" ފިހާރަތަކުގައި ގިނައިން ތިބެނީ ސްޓާފުންނަށް ތިބޭ ކުދިން، އެކުދިންނަށް އާންމުކޮށް އެކައުންޓަކަށް އެކްސެސް އެއް ވެވޭ ގޮތަކަށް ނޫން ހުންނާނީ. ދެން ސޭލްސް ނިންމާ ގަޑީގައި ވެރިން އައިސް އެކައުންޓު ޗެކްކުރާއިރު މިހުންނަނީ ފައިސާ ޖަމާނުކޮށް، އޭރު ވިޔަފާރި ކުރި މީހާ ހުންނަނީ އެތިކޮޅު ހިފައިގެން ގޮސްފަ." ވިޔަފާރިވެރިޔާ "ރަސް އޮންލައިން" އަށް މައުލޫމާތުދެއްވިއެވެ.

މިހާދިސާ ދިމާވި ވިޔަފާރިވެރިޔާ މިހާރު ވަނީ މަކަރާއި ހީލަތް ހަދައި ފިހާރައިން ވައްކަންކުރި އެމައްްސަލަ ފުލުހުންނަށް ހުށައެޅުމަށް ނިއްމާފައެވެ. ބޭންކުން ވަނީ އެކަމުގެ ޒިންމާ ބޭންކުން ނުނަގާނެކަން އަންގާފައެވެ. މިފަހަރު ވަގުކަލޭގެ ގެ ބަދުނަސީބަކީ ފިހާރައިގެ ސީސީޓީވީ ކެމެރާ ހުރެ އަދި އެކެމެރާ ބަރާބަރަށް މަސައްކަތް ކުރުމެވެ. ފިހާރައިން ވައްކަން ކުރި މީހާ ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިމައްސަލަ ފަޅާއެރުމުން މިގޮތަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބަލައިގަތުން ބައެއް ފިހާރަތަކުން މިހާރު ވަނީ ހުއްޓާލާފައެވެ.

" މިހާރު މި ހުއްޓާލީ މިކަން، ދެން ނޯއްނާނެ އިތުރު ޗޮއިސް އެއް، ދެން މިހާރު މިވާގޮތަކީ އަބަދު އެހެން ޓްރާންސްފަރ ކުރަންޏާ ކުދި ކުދި އެމައުންޓްތައް ފޮނުވައި އަހަރެމެން އެޕްރޫއަލް ދީގެން އެކަން ކުރާނަމަ ވަރަށް ބޮޑު ދަތިކަމަކަށްތާ ވާނީ، މަސައްކަތުގައި އުޅޭއިރު ފޯނަށް ޖަވާބުދާރީ ނުވެވި ކަސްޓަމަރު ހުންނަން ޖެހިދާނެ އަހަރެމެން އެކައުންޓު ބަލާ އެޕްރޫއަލް ނުދެވި ލަސްވަންޏާ. މިހާރު އަންގައިފައިވާނީ ވަރަށް އިތުބާރު ރެގިއުލާ ކަސްޓަމަރުންގެ ނޫނީ ސްލިޕް ގަބޫލުނުކުރަން." މިފަދަ ވައްކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ޑޭ ނައިޓް މާޓްގެ ވެރިޔާ "ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ވައްކަން ކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަން ކުރުން ވެސް ތަރައްގީ ކުރަމުންދާއިރު މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބެންޖެހެއެވެ. އެހެން ނޫނީ ފަހުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުން ކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޑޫޑް

04-Sep-2020

ތި ވީޑީއޯ އިން އ ެެ ފެންނަނީ އައްޑޫ (ހަނދާން ވާގޮތުން ފޭދޫ،މަރަދޫ ނުވަތަ މަރަދޫފޭދޫ) އަށް ނިސްބަތްވާ މުހައްމަދު އަޒުމް ކިޔާ މީހެއް. ވައިބާ ނަމްބަރުގައި އެއިނީ އެމީހާގެ އަސްލު ފޮޓޯއެއް، އެކަމަކު އަސްލު ނަމެއް ނޫން. ހޯޕް ދިސް ހެލްޕްސް


14

ލޮލް

04-Sep-2020

އެވަރުން ވެސް ކާޑު މެށިން ބަހައްޓަން ނުވިސްނާތި!


9

ޙައިރާން

04-Sep-2020

އަންތަރީ ހުން އަންތަރީސް ވެއްޖެ!!!! ތި ވަގުކަލޭގެ އަތުވާނެ ކަމަށް އުއްމީދު ކުރަން.


10

ެިއިބްރާހީމް

04-Sep-2020

ފުވައްމުލަކުގަ އެބަހުރި 2 ރެސްޓޯރެންޓް އިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ހިދުމަތް އަހަރެއްވަންދެން ތިގޮތަށް ވަގު ސްލިޕް ދައްކައިގެން ހޯދަާފަ


12

ނޫރު

04-Sep-2020

މީހުނޮގެ ފަސޭއަށާއި ރައްކާތެރިކަމަށް މިކަހަކަލަ ގޮތަކަށް ވިޔަފާރި ކުރާއިރު, އެކަމުގެ ނާޖައިސް ފައިދާ ނަގާ ވައްކަންކުރުމަކީ ވަރަށް ދެރަކަމެއް. ޥަގުންނާއި ހެދި އެކަންނުކުރާމީހުންނަށްވެސް ކިހާބޮޑު އުނދަގުލެއް. އަތް ކަޑަންވީ އެމީހުންގެ...


-1

ކަޓު

02-Sep-2020

އެކައުންޓަށް ފައިސާ ޖަމާވިކަން އެނގޭނެ މެސެޖެއް ފޯނަށް ލިބޭނެގޮތް ބެންކުން ހަމަޖައްސާފަ ހުންނަނަމަ ތިގޮތައް ވައްކަންކުރަން އުދަގޫވާނެ.


15

ކަޓު

02-Sep-2020

އެކައުންޓަށް ފައިސާ ޖަމާވިކަން އެނގޭނެ މެސެޖެއް ފޯނަށް ލިބޭނެގޮތް ބެންކުން ހަމަޖައްސާފަ ހުންނަނަމަ ތިގޮތައް ވައްކަންކުރަން އުދަގޫވާނެ.


-2

😂😂😂😂😂😂😂

01-Sep-2020

ސުކުން....


18

ރާމިޒު

31-Aug-2020

މުޖުތަމައު ހޭލުންތެރިކުރުމަށް ރަސްއޮންލައިން ގެ ހީވާގި ޓީމު ކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް! މި ނޫހުގެ ރިޕޯޓްތައް އަސްލު ވަރަށް ހަބޭސް ކިޔާ ހިތުން ކިޔާ ލެވުނު މޮޅު ރިޕޯޓެއް


0

އަލީ

31-Aug-2020

ހުރިހާ ނުލަފާ ކަމެއްގައި އެންމެ ކުރީގައި ރާއްޖެ މި އޮންނަނީ. ރައްޔިތުން ހޭލުންތެރިކުރުމަށް ރަސް އޮންލައިން ގެ މަސައްކަތް ފާހަގަކުރަންޖެހޭ ސާބަސް!


26

ނިޔާޒް

31-Aug-2020

މީހުން ހިތަށްވެސް ނާރާގޮތަށް ވައްކަން ކޮށްލާއިރު އެއްޗެކޭ ހިތަށްވެސް ނާރާ


18

އަހުމަދު

30-Aug-2020

ސާބަހޭ ރަސްއޮންލައިން ތިޔައީ ހަގީގީ ނޫސްވެރިންނަކީ ތިއޮތީ ހަމަ ރަނގަޅަށް ވަގު ހިފާފައި



ޓްރެންޑިން