އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެކަމަށް އޭނާ އުފައްދަވާފައިވާ ކާޓަރ ސެންޓަރުން އިއުލާނުކޮށްފިއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު 100 އަހަރު ފުރުނު ޖިމީ ކާޓަރަކީ އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެންމެ ދިގު އުމުރެއް ދެކެވަޑައިގެންނެވި ކުރީގެ ރައީސެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ކާޓަރ ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އަވަހާރަވީ އާދީއްތަ ދުވަހުގެ މެންދުރުފަހު ޖޯޖިއާ ސްޓޭޓްގެ ޕްލެއިންސްގައި ހުންނަ އޭނާގެ ގޭގައެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިވަޑައިގެން އޭނާ ރައީސްކަން ކުރެއްވީ 1977 އިން 1981 އަށެވެ. އެއީ އިޤްތިޞާދީ ގޮތުންނާއި އަދި ޑިޕްލޮމެޓިކް ގޮތުން އެމެރިކާއަށް ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެކެވެ.

ވައިޓް ހައުސްއިން ވަކިވެވަޑައިގަތްއިރު ދަށް އެޕްރޫވަލް ރޭޓިންއަކާއެކު ވަކިވެވަޑައިގަތް ނަމަވެސް، އޭނާ އިންސާނިއްޔަތަށް ކުރެއްވި މަސައްކަތްތަކުން އޭނާގެ ނަން އަލުން އުފުލި، 2002 ވަނަ އަހަރު ނޯބަލް ސުލްޙައިގެ އިނާމު ހާސިލުކުރެއްވިއެވެ.

"އަޅުގަނޑުގެ ބައްޕައަކީ ހަމައެކަނި އަޅުގަނޑަކަށް ނޫން، ސުލްޙައަށާއި އިންސާނީ ޙައްޤުތަކަށާއި މަވެތިކަމެއް ނެތް ލޯބި ޤަބޫލުކުރާ އެންމެންނަށް ވެސް ބަޠަލެއް،" އޭނާގެ ދަރިކަލުން ޗިޕް ކާޓަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޖޯޖިއާގެ ގަވަރުނަރުކަމާއި އެމެރިކާގެ ނޭވީގެ ލެފްޓިނެންޓްކަމާއި ދަނޑުވެރިކަން ކުރައްވާފައިވާ ކާޓަރު އަވަހާރަވިއިރު ހަތަރު ދަރިންނާއި 11 ކާފަ ދަރިންނާއި 14 މުނިކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ޖިމީ ކާޓަރ 77 އަހަރު ވަންދެން ކައިވެނި ބައްލަވައިގެން އުޅުއްވި އަނބިކަނބަލުން ރޯޒަލިން، ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގައި އަވަހާރަވެފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އަދި އޭނާގެ އަނބިކަނބަލުން ޖިލް ބައިޑަން ވިދާޅުވެފައިވަނީ "ދުނިޔެއިން އާދަޔާ ޚިލާފު ލީޑަރެއް، ސިޔާސީ ވެރިޔެއް އަދި އިންސާނިއްޔަތަށް ޚިދުމަތްކުރެއްވި ފަރާތެއް ގެއްލިއްޖެ" ކަމަށެވެ.

"ޖިމީގެ ރައީސްކަމުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް ގޮންޖެހުންތައް އައީ އަޅުގަނޑުމެންގެ ޤައުމަށް ނާޒުކު ދަނޑިވަޅެއްގައި. އަދި އޭނާ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް އޭނާގެ ބާރުގައި އޮތް ހުރިހާ ކަމެއް ކުރެއްވި. އެކަމަށްޓަކައި، އަޅުގަނޑުމެން އެންމެން އޭނާއަށް ޝުކުރުވެރިވާން ޖެހޭ،" އެމެރިކާގެ ރައީސްކަމަށް އިންތިޚާބުކުރެވިފައިވާ ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވިއެވެ.

އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވައިޓް ހައުސްއިން ވަކިވެވަޑައިގަތުމަށްފަހު، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދިރިއުޅުއްވި ގެއަށް ދިރިއުޅުން އެއްކޮށް ބަދަލުކުރެއްވި ފުރަތަމަ އަދި ހަމައެކަނި ރައީސަކީ ޖިމީ ކާޓަރެވެ.

ޖިމީ ކާޓަރގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ވެރިރަށް ވޮޝިންގްޓަން ޑީސީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން