ޕީޖީ އައްބާސް ޝަރީފް- ގޫގުލް އިމޭޖެސް
ޕީޖީ އައްބާސް ޝަރީފް- ގޫގުލް އިމޭޖެސް
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް މީހުން ބަންދުކުރާވަރު މަދު ކުރެވިދާނެ ކަަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިސްނަގައިގެން ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ބޭއްވި "ބަންދު ފޯރަމް" ގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ ބަންދުގައި މިހާރު ތިބި މީހުންގެ އަދަދަށް ބަލައިލި ނަމަވެސް މި މައްސަލައަކީ ހައްލު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މައްސަލައެއް ކަން ސާފުވެގެން ދާނެ ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން މިވަގުތު ބަލަހައްޓަމުންދަނީ ފުލުހުންގެ ރިމާންޑް ޖަލުތަކުގައްޔާއި ކަރެކްޝަންސްގެ ކަސްޓޯޑިއަލް ޖަލުތަކުގައެވެ. އެގޮތުން ޕީޖީ އޮފީހުން މިއަދު ހާމަކުރި ތަފާސް ހިސާފުތަކުން ދައްކާ ގޮތުގައި މިވަގުތު ޝަރީއަތް ނިމެންދެން ބަންދުގައި ޖުމްލަ 435 މީހުން އެބަ ތިއްބެވެ.

"ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަކީ މުޅިން ހުއްޓައިލެވޭނެ ކަމެއް ނޫން. ނަމަވެސް މީހުން ބަންދު ކުރާ މިންވަރު މަދު ކުރެވިދާނެ." ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ވިދާޅުވީ ބަންދުގައި މީހުން ހޭދަކުރާ މުއްދަތު ކުޑަކޮށް، އެ މުއްދަތުގައި ލިބިދިނުމަށް ގާނޫނު ތަސައްވުރު ކުރާ ހައްގުތަކާއި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރެވިދާނެކަމަށެވެ. އަދި ބަންދު ކުރުމުގެ ބަދަލުގައި އެޅިދާނެ އެހެން ފިޔަވަޅެއް ހޯދިދާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

މިއަދު ބޭއްވި ފޯރަމްގެ އެންމެ ބޮޑު މަގްސަދަކީ "ވާނުވާ" ބަންދުގެ މައްސަލައަށް އަވަސް ހައްލު ހޯދުމުގެ މަސައްކަތްތަކެއް ކުރުމެވެ. އެގޮތުން މި ފޯރަމްގައި ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމާ ގުޅޭގޮތުން ވަކި ވަކި އިދާރާތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވެން ހުރި ކަންކަން ދެނެގަތުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މައްސަލަތަކަށް ނިޒާމީ އަދި ވަށާޖެހޭ ހައްލެއް ހޯދުމަށްޓަކައި ދުރު ރާސްތާގައި ކުރެވެން ހުރި ކަންކަން ދެނެގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ

ޕީޖީ ވިދާޅުވީ މި މައްސަލައާ ގުޅޭ އެކްސްޓެންސިވް ދިރާސާތަކެއް ވޭތުވެ ދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ކޮށްފައިވާކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް މީގެކުރިން ކޮށްފައިނުވާ މުހިންމު މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާނެކަމަށެެވެ.

މިއަދު ބޭއްވި ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ޕީޖީ އައްބާސްގެ އިތުރުން, އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ހޯމް މިނިސްޓަރު އަލީ އިހުސާންއަދި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން