ބޭންކު އޮފް މޯލްޑިވްސް- ގޫގުލް އިމޭޖެސް
ބޭންކު އޮފް މޯލްޑިވްސް- ގޫގުލް އިމޭޖެސް
ދިވެހިންގެ ބެންކަކީ ދިވެހިން ލޫޓުވަން ބޮޑު ޖަރީމާއެއް ހިންގާ ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު، އައްދު ވިދާޅުވެއްޖެއެވެ.

އެމްޕީ އައްދު މިހެން ވިދާޅުވީ ބީއެމްއެލްގެ ހައުސިން ފައިނޭންސަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވަމުންނެވެ.

އައްދު ވިދާޅުވީ ތަފާތު އެކި ނަންނަމުގައި ރައްޔިތުން ދަރަނިވެރިކޮށް، ބޮލުގައި ލައިބިލިޓިސް އަޅުވަން ދިވެހި ބެންކުތަކުން އިންޓްރެސްޓު ބޮޑު ލޯނުތައް ދޫކުރަމުންދާ ކަމަށެވެ. އަދި އެ ލޯނުތަކުގެ ސަބަބުން ހުރިހާ ފައިދާއެއް ލިބެމުންދަނީ ބޭންކުތަކަށް ކަމަށް އައްދު ވިދާޅުވިއެވެ.

"ހައުސް، ޑްރީމްކާ، ޑްރީމް ހޮލިޑޭ ފަދަ ނަންނަމުގަ ރައްޔިތުން ދަރަނިވެރިކޮށް ބޮލުގަ ލައިބިލިޓީސް އަޅުވަން ފަސޭހަކަމާއެކު ބޮޑު އިންޓަރެސްޓްގައި ލޯނު ދިވެހި ބޭންކުތަކުން އެބަދެވޭ، އަޅުގަނޑުމެންނަށް އެބަ ފެނޭ ބޭންކަށް ބިލިއަނުން ފައިދާވާތަން، ބޭންކަށް ބިލިއަނުން ފާއިދާވެގެން ފަހުރުވެރިކަމާއި އެކީ އެވާހަކަ ދައްކާއިރު މީ މަޖުބޫރު ދިވެހިންގެ ކުޑަ ގޮހޮރުން ދަމައިގެން ނެރެފަ ހުރި އެއްޗެއްކަން ދިވެހިންނަށް ނޭގޭކަން ދެރައީ،" އައްދު ވިދާޅުވިއެވެ.

އަދި މިކަން މިހެން މެދުވެރިވާން ޖެހެނީ ދިވެހި ސަރުކާރުގައި ތިބޭ ބައެއްގެ ނާގާބިލުކަން ނުވަތަ އެމީހުންގެ ފައިނޭންޝިއަލް ލިޓްރެސީ ނެތުމުން ކަމަށް އައްދު ވިދާޅުވިއެވެ.

"މި ދަށްކަނީ ފާއިތުވި ސަރުކާރުތަކުގެވެސް ވާހަކަ، ލުއިލޯނަކީ ބޭންކަށް އެންމެ ފާއިދާބޮޑު ރައްޔިތުންނަށް އެންމެ ބުރަބޮޑު ޕްރޮޑަކްޓް، ސީދާ ރައްޔިތުން ފެލަނީ، މުސާރަ ޖަމާވާ ކޮންމެ ރައްޔިތެއްގެ ފޯނުގަ އިންނަ ބަޓަނަކަށް އޮބުމުން މި މަޅީގަ ފަސޭހަ ކަމާއި އެކު އެބަޖެހޭ." އައްދު ވިދާޅުވިއެވެ.

އައްދު ވިދާޅުވީ މިގައުމުގައި ރަނގަޅު ވިސްނުންހުރި ޒުވާނުންނަށް އާމްދަނީ ލިބޭނެ އެސެޓެއް އުފައްދަން، ނުވަތަ ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރިތައް ފުޅާ ކުރަން ބޭންކުތަކުން އެހީތެރި ނުވާ ކަމަށެވެ. އަދި މަދު ފަހަރެއްގައި މިހެން އެއްޗެއް ދިނަސް ދެނީ ސިޔާސީ ބާރުވެރިކަން އޮތް މަހުޖަނުންނަށް ކަމަށާއި، އެ ލޯނުތައް އަނބުރާ އެމީހުން ނުދައްކާ ކަމަށްވެސް އައްދު ވަނީ ފާހަގަ ކޮށްފައެވެ.

އައްދު ވިދާޅުވީ މި ގައުމުގެ އިގްތިސާދު ފުޅާކޮށް ކުރިއަރުވައި، ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން މި ބޭންކުތަކަށް މަޖުބޫރުކުރުވަން ޖެހޭ ކަމަށެވެ.

"ހުރިހާ ވިޔަފާރިތައް ދައްވެގެން އެވާހަކަ ދައްކާއިރު ބޭންކަށް ފައިދާވިވަރު ބޮޑުކަމުގެ ވާހަކަ މި އިވެނީ، ވިޔަފާރިއެއްވާނީ ބޭންކަށް އަދި ބިލުތަކަށް ދައްކަންޖެހޭ އެއްޗެއް ދައްކާ ބާކީވެގެންތާ." އައްދު ވިދާޅުވިއެވެ.

އެމެރިކާ ފަދަ ގައުމުތައް ކުރިއަރައި ގޮސްފައިވަނީ އެގައުމުތަކުގެ އިންވެންޓަރުންނާއި ވިޔަފާރިވެރިންނަށް ފައިނޭންސަށް އެކްސެސް ވުމުގެ ފަސޭހަކަން ބޮޑުކަމުން ކަން އައްދު ވަނީ ފާހަގަ ކުރައްވާފައެވެ.

އައްދު އިތުރަށް ވިދާޅުވީ ސިޔާސީ މީހުން ބޭނުންވަނީ އެމީހުންގެ ފައިބުޑުގަ ސަލާންޖަހާނެ ނިކަމެތި ރައްޔިތުންތަކެއް ކަމަށެވެ. އަދި މަގުމަތިން އެންމެ އަޑުގަދަ މީހާ ގެނެސް ބޮޑު މަގާމު ދީގެން ގާނޫނާއި ގަވާއިދުތައް ހަދަން ބައިތިއްބާނަމަ، މި ގައުމު ކުރިއަރައިގެން ދާތަނެއް ދުވަހަކުވެސް ނުފެންނާނެ ކަމަށްވެސް އައްދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން