ސަރުކާރުގެ ހިންގުން ތަރައްގީ ކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން އެހީވުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޟް އެވެ. އަދި ޔޫއޭއީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓާ އޮފް ކެބިނެޓް އެފެއާޒް ފޯ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް، ޢަބްދުﷲ ނަޞީރު ލޫތާ އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ މަގުސަދަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ޔޫއޭއީގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ތެރެއިން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ގަވަމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރުމަށް ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ދެ ޤައުމުގެ މެދުގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުވެސް ރާއްޖެއިން ޔޫއޭއީ ސަރުކާރުގެ ޖީއީއީޕީގައި ބައިވެރިވެފައިވާ ކަން ފާހަގަކުރެވެއެވެ.

މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އުނގެނުމާއި އީޖާދީ މުހިންމު އެކިއެކި ކަންކަމުގެ މައްޗަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. ޖީއީއީޕީގެ ދަށުން މިހާތަނަށް ހިންގުނު ހަތަރު ތަމްރީނު ޕްރޮގްރާމެއްގައި ސަރުކާރުގެ 128 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު މީގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން