އަންނަ ހޮނިހިރު ދުވަހު އިސްރާއީލްގެ އަސީރުން މިނިވަން ނުކޮށްފި ނަމަ، ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދީ ގަތުލުއާންމު ފަށާނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

"އެކްސް" ގައި އާންމުކުރި ވީޑިއޯއެއްގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި މީހުން އަންނަ ހޮނިހިރު ދުވަހުގެ މެންދުރުގެ ނިޔަލަށް މިނިވަން ނުކޮށްފިނަމަ، ޣައްޒާގައި އަލުން ހަމަލާދޭން ފަށާނެ ކަމަށެވެ. ނަތަންޔާހޫ ބުނިގޮތުގައި ހަމާސް އިން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހާއި ހަމަޔަށް އިސްރާއިލުގެ އަސީރުން މިނިވަންނުކޮށްފިނަމަ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނެއެެވެ.

"އަސީރުން މިނިވަން ނުކޮށްފިނަމަ އިސްރާއީލް ސިފައިން ވަރުގަދައަށް ހަނގުރާމަ ކުރާނަން، ހަމާސް ބަލި ކުރެވެންދެން،" ހަތަރު ގަޑިއިރަށް ދިގު ދެމިގެން ދިޔަ ކެބިނެޓް ބައްދަލުވުމަށް ފަހުގައި ނަތަންޔާހޫ ދިން ވީޑިއޯ މެސެޖްގަައި ބުނެފައިވެއެެވެ.

ހަނގުރާމަ އަލުން ފަށާނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދިންއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންނަ ހޮނިހިރު ދުވަހު ހުރިހާ އަސީރުން މިނިވަން ކުރުމަށް ގޮވާލާފައެެވެ. އަސީރުން މިނިވަން ނުކޮށްފި ނަމަ، ޣައްޒާ "ނަރަކަ"އަށް ހަދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދީފައެވެ.

ހޮނިހިރު ދުވަހު މިނިވަންކުރަން ނިންމާފައިވާ ރަހީނުން މިނިވަންކުރުމުގެ މަސައްކަތް ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް އިން ވަނީ ބުނެފައެވެ. ހަމާސް އިން ބުނާގޮތުގައި އަސީރުން މިނިވަންކުރުން ފަސްކުރީ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެ ބަޑީގެ ހަމަލާތައް ދިނުމާއި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް އިސްރާއިލުން ހުރަސްއަޅާތީއެވެ.

ފަލަސްތީނުގެ ހަމާސް އާއި އިޒްރޭލުން ވީ ހަނގުރާމަ ހުއްޓާލަންވި އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ރަހީނުންގެ ތެރެއިން ގިނަ ބަޔަކާއި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފައިވާ ކަން ފާހަގަކުރެވެއެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން