ރަސް އޮންލައިން
ރަސް އޮންލައިން
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ސްޕޮންސަރ މެދުކަނޑާލުމާ ގުޅިގެން ރަސް އޮންލައިންގައި އިޝްތިހާރު ކުރުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

ރަސް އޮންލައިންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ސާއިދު މިއަދު ވިދާޅުވީ މިނިވަންކަމާއި ހަމަހަމަކަމާއެކު ދެފުށްފެންނަ ގޮތަށް ޚަބަރު ގެނެސްދިނުމަކީ ރަސް އޮންލައިންގެ މެނޭޖްމަންޓުން އެންމެ ބޮޑަށް އިސްކަންދޭ އަދި އޭގެ މައްޗަށް ރަސް އޮންލައިންގެ މުޅި ފަލްސަފާ ބިނާކޮށްފައިވާ އަސާސް ކަމަށެވެ. އެގޮތުން މީގެ ކުރިން ސަރުކާރުގެ ޚަބަރުތަކާ އެއްވަރަށް އިދިކޮޅު ފަރާތްތަކުގެ އަޑުވެސް ރަސް އޮންލައިނުން ގެނެސްދެމުން ދިޔަ ކަމަށް ސާއިދު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިނިވަން ނޫސްވެރިކަމުގެ ހަމަތައް ހިފެހެއްޓުމަށް ރަސް އޮންލައިނުން ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާ އަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ސްޕޮންސަރ ހުއްޓާލަން ނިންމުން ކަމަށާއި އެކަމާ ހިތާމަ ކުރަށްވާ ކަމަށްވެސް ސާއިދު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ސަރުކާރު ކުންފުނިތަކުގެ އެ ނިންމުމުގެ ސަބަބުން ހަރަދު ކުޑަކުރުމަށްޓަކައި ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހިފައިވާ ކަމަށާއި ރަމަޟާން މަސް ކުރިމަތީގައި ވަނިކޮށް ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުމަކީ ވަރަށް ގިނަ ބަޔަކަށް ނިކަމެތިކަން ލިބިގެންދާނެ ކަމެއްކަން ސާއިދު ފާހަގަ ކުރެއްވިއެވެ.

އަދި ސަރުކާރުގެ ނުފޫޒުހުރި ބައެއް ފަރާތްތަކުން ހުށައަޅަމުންދާ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ ސްޕޮންސަރޝިޕް އެގްރީމެންޓްތައް ރަސް އޮންލައިނުން ބަލައި ނުގަންނާނެ ކަމަށާއި ހަމަހަމަ ކަމާއެކު ތެދު ޚަބަރު ގެނެސްދިނުމުގައި ރަސްއޮންލައިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރަސްގެ މެނޭޖްމަންޓުން އެންމެހާ ކިޔުންތެރިންނަށް ވަނީ ދީފައެވެ.

ރަސް އޮންލައިން ކުރިޔަށްދާނީ ނޫހުގެ ކިޔުންތެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އަޑުއަހައިގެން ކަމަށާއި އެހެންކަމުން މިނިވަން ނޫސްވެރިކަމަށް ތަރުޙީބު ދެއްވާ އެންމެހާ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ރަސް އޮންލައިންގައި ސްޕޮންސަރ އިޝްތިހާރު ޖެއްސެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ރަސް އޮންލައިންގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

އޭގެއިތުރުން ރަސް އޮންލައިންގައި އިޝްތިހާރު ޖެއްސެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްގެ ހޮޓްލައިނަށް ގުޅުއްވަމުން ގެންދެވުމަށް ރަސްގެ މެނޭޖްމަންޓުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން