އުމުރުން އެންމެ ދެ އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ ޖަލަށްލާފައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވެފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ / ރިހިވެލި އިބްރާހިމް ދީދީ (62) އެވެ.

މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނުމުން ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައެޅީ ދަންވަރު 2:40 ގައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ އިބްރާހިމް ދީދީއަކީ ހައި ބަލްޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމަސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށެވެ. އޭނާގެ މަރާ ގުޅިގެން އެކަން މިހާރު އާއިލާއަށްވެސް ވަނީ އަންގައިފައެވެ.

ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. އިބްރާހިމް ދީދީއަކީ އެ ކުއްޖާގެ ކާފައެވެ. އެ މައްސަލައިގައި އެ ކުއްޖާގެ މުނިކާފަ ވެސް ހައްޔަރުކޮށް އުމުރު ދުވަހަށް ޖަލަށްލިއެވެ.

އެ ކުއްޖާގެ މުނި ކާފަ ހަސަން މޫސާ ދީދީ 85، ވެސް މަރުވެފައި ވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާވެ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.

މި ހާދިސާއާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކޮށް ކުއްޖާގެ ދިފާއުގައި އެއްވުންތަކާއި ހިނގާލުންތައްވެސް ބާއްވާ އަޑުއުފުލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން