އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނު
އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނު
ފަނޑިޔާރުން މައްސަލަތައް ނިންމަންޖެހޭނީ ވަކި ފަރާތަކަށް ނުޖެހި، އިންސާފުގެ ތަރާދުން ކިރައިގެން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަނު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބިނާވަނީ ދެބަސްވުމެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން ދެފަރާތުން ހިތްހަމަޖެހޭ ގޮތަށް މައްސަލަ ނިންމުމަކީ މުސްތަޙިއްލު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭނީ ޤާނޫނާ އެއްގޮތަށް އަދުލުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި، އިންސާފުގެ ތަރާދުން ކިރައިގެން މައްސަލަތައް ނިންމުމަށްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ، ޖަޒުބާތުގައި ނުޖެހި، ޤާނޫނީ ތަރަހައިގެ ތެރެއިން މައްސަލަތައް ނިންމަންވާނެ ކަމަށާއި މައްސަލަތައް ކުރިއަށް ގެންދިއުމުގައި މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، އެއާ ގުޅޭ ނިންމުންތަކަށްވެސް އަހުލުވެރިވުމަށް އުއްތަމަ ފަނޑިޔާރު އިލްތިމާސް ކުރެއްވިއެވެ.

ހަމައެއާއެކު ފަނޑިޔާރުކަން ކުރުމަކީ ބުރަ ކަމެއްކަން ފާހަގަ ކުރަށްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓުގެ އެތެރޭގެ މާޙައުލާއި ކޯޓުން ބޭރުގައިވެސް ފަނޑިޔާރުންގެ އުޅުން ހުންނަންވާނީ އެންމެންގެ އިޙްތިރާމް ލިބޭ ގޮތަށް ކަމަށެވެ.

އޭގެއިތުރުން ފަނޑިޔާރުން ވާންވާނީ އަމިއްލަ ނަފްސަށާއި، ދީނާއި، ޤައުމަށް އިޚުލާސްތެރިކަން އިސްކުރާ ބަޔަކަށް ކަމަށް މިޙަފްލާގައި އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން