މިދިޔަ އަހަރުގެ މި ދުވަސްވަރާއި މި އަހަރުގެ މިހާތަނާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލުތައް އާންމުކޮށްފައެވެ.

ފިނޭންސްގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު މި މުއްދަތުގައި 4.64 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 3.36 ބިލިއަން ރުފިޔާއެވެ.

ދައުލަތަށް ޓެކްސްގެ ގޮތުގައި މި މުއްދަތުގައި މިއަހަރު 3.36 ބިލިއަން ރުފިޔާ ލިބުނުނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި 3.95 ބިލިއަން ލިބިފައި އޮތެވެ. އެއީ 14.9 ޕަސެންޓްގެ ދަށްވުމެކެވެ.

އޭގެ އިތުރުން ​ޓެކްސް އާމްދަނީގެ ގޮތުގައި އިމްޕޯޓް ޑިއުޓީއާއި ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސް އަދި ޑިޕާޗާ ޓެކުހުން ލިބުނު އަދަދު ވެސް ވަނީ ދަށްވެފައެވެ.

އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރު 385 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު ލިބުނީ 138 މިލިއަން ރުފިޔާއެވެ.

ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 1.72 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު ވަނީ 1.33 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 116 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބިފައިވަނީ 107 މިލިއަން ރުފިޔާއެވެ.

ނަމަވެސް، މުދަލާ ހިދުމަތުގެ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުޑަ މިންވަރެއް އިތުރުވެފައެވެ. މިދިޔަ އަހަރު 1.61 ބިލިއަން ރުފިޔާގައި އެ އަދަދު އޮތްނަމަވެސް މި އަހަރު 1.64 ބިލިއަނަށް އެ އަދަދުވަނީ އިތުރުވެފައެވެ.

މި އަދަދުތަކުގެ ތެރެއިން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް ގޮސްފައިވަނީ ޗައިނާއިން ތަކެތި އެތެރެކުރާއިރު ގިނަ ބާވަތްތަކަކުން ޑިއުޓީ ނުނަގާގޮތަށް ނިންމުމުންކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން