ރަމަޟާންމަހު މުދަލުގެ އަގު ބޮޑުވެގެން ދާނަމަ ސަރުކާރުން، އެކަމުގެ ތެރެއަށް ވަދެ، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ އަހާ ފޯރަމުގައި އާންމުންގެ ސުވާލުތަކަށް މިރޭ ޖަވާބުދެއްވަމުންނެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަން ސަޢީދު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ. ހަމައެގޮތަށް މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސަޢީދު ވިދާޅުވިއެވެ. މިނިސްޓަރު ސައީދު ސަރުކާރުން ދުރާލައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް %3 އަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށެވެ. އަގުތަކާ ގުޅިގެން ޚާއްސަ ސިޔާސަތެއް އެކުލަވާލައްވަން ރައީސް ވަޒީރުންގެ މަޖިލީހަށް އެންގެވި ކަމަށާއި އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރޯދަމަހަށް 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެކުލަވާލާފައިވާ ކަމަށާއި އޭގެ ތެރެއިން 54 ބާވަތް ރަމަަޟާން މަހަށް ޚާއްސަކޮށްގެން ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިސްފިކަމަށް ވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން." ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ސަޢީދު ވަނީ ރަމަޟާން މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ސަޢީދު މިހެން ވިދާޅުވެފައިވާއިރު ރޯދަމަހަށް ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅުއްވަމުން ގެންދަވާ ކަމަށް ރައީސް މުޢިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ބާޒާރުގެ އަގުތައް، އެވްރެޖްކޮށް އެއް މިންވަރެއްގައި ހިފެހެއްޓުމަށް، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"އަދި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު މިގެންދަނީ އަޅަމުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން