މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ހުރި މިންވަރު ދަށްވަމުން ދާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ "އަހާ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އާންމުންގެ މީހަކު ވަނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނީ ކިހާ ދުވަހަކުންތޯއާއި އެ މަސައްކަތްތައް ތަންފީޒުވަމުންދާވަރު އޮޅުންފިލުވުމަށް ސުވާލު ކޮށްފައެވެ.

އޭގެ ޖަވާބުގައި ތޯރިގު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަނުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނަކުން ހަމަޖެއްސުމުން އެކަމުގެ ފައިދާ އިގުތިސާދަށް ވަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށް ދާ މީހުންނަށް އިތުރު 1،500 ޑޮލަރު ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި އެއީ، ރިސޯޓުތަކުން ޑޮލަރު މާރުކުރުން ލާޒިމްކުރުމުގެ ސަބަބުން ފެންނަމުންދާ ހެޔޮ ބަދަލުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، މި ސަރުކާރުން އެކަމުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ދަށްވަމުންދާކަން އެއީ މިހާރު ހަގީގަތް ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ، ގާނޫނުން ލާޒިމުކުރާގޮތަށް ފަތުރުވެރިކަމުގެ ހުރިހާ ތަނަކުން ވެސް ޑޮލަރު މާރުކުރަން ފެށުމުން އިގުތިސާދަށް އޭގެ ފައިދާ ކުރަން ފަށާނެކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ރާއްޖޭން ބޭރަށް ފުރާ ފަރާތްތަކަށް މިހާރު ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ލިބިގެންދާނެކަން ރައީސް އިއުލާނު ކުރައްވާފައިވަނީ އެހެންވެގެންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން