ޕޮލްކޯ ފްލެޓުތައް
ޕޮލްކޯ ފްލެޓުތައް
ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލްކޯގެ ތެރެއިން ހިންގަމުންދާ އިތުރު ކޮރަޕްޝަން މައްސަލަތަކެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ހާމަކޮށްފިއެވެ.

މި މައުލޫމާތުތައް އެ ކޮމިޓީއާ ހިއްސާ ކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާ ކުރަމުންދާ ފަރާތަކުން ކަމަށް ސަބް ކޮމިޓީން ވަނީ ބުނެފައެވެ.

ޕޮލްކޯގެ ކޮރަޕްޝަން މައްސަލަ ދިރާސާކުރަން އުފެއްދި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރަމުންދާ "ވިސުލްބްލޯވަރެއްގެ" ފަރާތުން ޕޮލްކޯގެ ތެރޭގައި ހިނގާފައިވާ އިތުރު ކޮރަޕްޝަން މައްސަލަތަކެއްގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ޕޮލްކޯގެ ފަރާތުން ކޮރަޕްޝަން ހިންގާފައިވަނީ ހަމައެކަނި ފްލެޓު މަޝްރޫޢުގެ ތެރެއިން ނޫން ކަމަށާއި، އެއަށްވުރެ ފުޅާ ދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމަށް ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަން ހިންގަމުން ދާކަމަށެވެ.

އެގޮތުން އެ މައުލޫމާތު ދިން ފަރާތުން ހަވާލާދީފައި އޮތް އެއް ރިޕޯޓަކީ 2019 ވަނަ އަހަރު އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށާއި ސީޕީ ހަމީދުގެ ފަރާތުން އެކަމަށް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ޕޮލްކޯ ފްލެޓު މަޝްރޫއުގައި ކޮރަޕްޝަން ހިންގާފައިވާކަން ފެންމަތިވި އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ތަފާތު 16 މައްސަލައެއްގެ ތެރޭގައި އެކި އެކި ގޮތްގޮތުން އެ އޮފިސަރުން ބައިވެރިވެފައި ހުރިކަން އެނގެން އޮތްކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އެ ކޮމިޓީން މިހާރު ނިންމަންޖެހޭ އެންމެ މުހިންމު ނިންމުމަކީ އެކަން ހިނގަމުންދިޔައިރު ފުލުހުންގެ ޒިންމާދާރު މަގާމުތަކުގައި ތިބި އޮފިސަރުންނާ މެދު އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ނިންމުން ކަމަށެވެ.

ޕޮލްކޯގެ ފްލެޓު މަޝްރޫއުގައި ކޮރަޕްޝަން ހިންގާފައިވާކަން ހާމަވެފައިވަނީ މިދިޔަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުންނެވެ.

ޕޮލްކޯއިން ހުޅުމާލޭގެ ފުރަތަމަ ފޭސްގައި "ބްލޫސް ހައުސިން" ގެ ނަމުގައި ތަރައްގީކުރި ފްލެޓް މަޝްރޫޢުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، މަޝްރޫޢު ހިންގުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު ނިމިފައިވާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެކި ގޮތްގޮތުން ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

އަދި މި މަޝްރޫޢަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މަޝްރޫޢުން 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން، މަޝްރޫޢުގެ މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ފައިދާވާގޮތަށް އަދި ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ހިނގަމުންދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑާއި އިސްވެރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހުމާލުވެފައިވާތީ، އެފަރާތްތައް ޒިންމާދާރުކުރުވުމަށްވެސް އޮޑިޓް އޮފީހުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން