އެމްޓީސީސީ ބަސްތައް- ގޫގުލް އިމޭޖެސް
އެމްޓީސީސީ ބަސްތައް- ގޫގުލް އިމޭޖެސް
ކުރިއަށް އޮތް ރޯދަމަހު އެމްޓީސީގެ ފެރީ އަދި ބަހުގެ ހިދުމަތްތަކުގެ ގަޑިއަށް ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ މި އަހަރު އެހެން އަހަރުތަކާ ހިލާފަށް ރޯދަމަހު ސްކޫލުތައް ބަންދުވާތީ އެ ކުންފުނީގެ ފެރީ އަދި ބަހުގެ ހިދުމަތްތަކުގެ ގަޑިތަކަށް މި ރޯދަ މަހު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެހެންކަމުން ބޮޑަށް ހިދުމަތް ދިނުމުގައި އިސްކަންދޭނީ ވަޒީފާއަށްދާ ފަރާތްތަކަށް ކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.

އެގޮތުން ބަހުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7 ޖަހާއިރު ކަމަށާއި، މުޅިދުވަހުގެ މައްޗަށް އެކި ފްރީކުއެންސީ ތަކުގައި ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ބުނީ ރޯދަ ވީއްލާ ގަަޑިއަށް ބަހުގެ ހިދުމަތްތައް މެދުކަނޑާލާނެ ކަމަށާއި، ދެން ހިދުމަތް ދޭން ފަށާނީ އިޝާ ނަމާދަށް ފަހުގައި ކަމަށެވެ. އަދި ދަންވަރު 00:30 އަށް ބަހުގެ ހިދުމަތްތައް ކުރިއަަށް ދާނެ ކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.

އަދި ފެރީގެ ހިދުމަތްތަކަށް ބަލާއިރު އެންމެ ގިނަ މީހުން ބޭނުންކުރަނީ ވިލިމާލެ ފެރީގެ ހިދުމަތްކަމުން ވިލިމާލޭގައިވެސް އެކި ގަޑިތަކުގައި ފެރީގެ ހިދުމަތް ދޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެގޮތުން އޮފީސް ގަޑިތަކާއި، އޮފިސްތައް ނިމޭ ގަޑިތަކާއި، ހަވީރުގެ ގަޑި ތަކުގައި ފެރީގެ ހިދުމަތް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައި ވެއެވެ.

އަދި މި ގަޑިތަކަކީ އެންމެ ބާރުބޮޑުވާ ގަޑިތައް ކަމުން ދަތުރަށް ކުރިއާލާ ތައްޔާރުވެ، ގަޑިތަކަށް ސަމާލުވެ ގަޑިއަށް ފަރުވާތެރި ވުމަށް އެމްޓީސީސީއިން ވަނީ އިލްތިމާސް ކޮށްފަައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން