ގާނޫނު ހެދުމާއި ގާނޫނު އަސާސީއަށް ބަދަލުގެނައުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ދެއްކެވި ވާހަކަތަކަަށް މަޝްހޫރު ގާނޫނީ ވަކީލު މަހުފޫޒް ސަޢީދު ރައްދުދެއްވައިފިއެވެ.

ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ފެށީ މިއަދުއެވެ. މި މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނުއަސާސީއާ ފުށުއަރާތީ އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދި އެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލު މިއަދު ކޯޓުގައި ވިދާޅުވީ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އެވާހަކަތަކަށް ތާއިދު ކުރަށްވާ ފަދަ މޭރުމަކުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ގާނޫނު ހެދުމާއި، އެއަށް އިސްލާހު ގެނެވޭނީ ހަމައެކަނި މަޖިލީހުން ކަމަށެވެ. އެ ކަމަށް ބާރުދެއްވައި އެމެރިކާގެ ގާނޫނަށް ގެނައި 18ވަނަ އިސްލާހާމެދު ކަންވީގޮތް އިންތި ވަނީ ހިއްސާ ކުރަށްވާފައެވެ.

ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު މަހުފޫޒް ސަޢީދެވެ. އިންތިގެ ވާހަކަ ތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާނޫނީ ވަކީލު މަހުފޫޒް ސަޢީދު ވިދާޅުވީ އިންތި ދެއްކެވީ އެއްވެސް ތާކުން ތާކު ޖެހޭ ވާހަކަ އެއް ނޫން ކަމަށެވެ.



މަހުފޫޒް ވިދާޅުވީ އެމެރިކާގެ ގާނޫނަށް ގެނައި 18ވަނަ އިސްލާހު ވިދާޅުވުމަށްފަހު އިންތި ވިދާޅުވީ އޭނާ އަށް ފެނިވަޑައިގަންނަވާ އެއްޗެއް ކަމަށެވެ. ރާއްޖޭގައި އޮތީ ސްޕްރީމަސީ ކޮންސިޓިޓިއުޝަން ކަމަށާއި ގާނޫނު އަސާސީ އާއި ޚިލާފަށް ގާނޫނު އަސާސީ އަށް އެއްވެސް އިސްލާހެއް ނުގެނެވޭނެ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

"ނޭނގޭ ހާލު ހޮޅި ވާހަކަ ނުދައްކާ" އިންތި އަށް ރައްދު ދެއްވައި މަހުފޫޒް ވިދާޅުވިއެވެ.

މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހާމެދު ކަންބޮޑުވުން ފާޅުކޮށް ޑިމޮކްރެޓުން މީގެކުރިން ބަޔާނެއް ވެސް ނެރެފައިވާއިރު އަދި އެ ޕާޓީން އެ މައްސަލައަށް ތަދައްޚުލުވާން ވެސް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް، މިއަދު މި މައްސަލަ ސުޕްރީމް ކޯޓުގައި ފެށިއިރު، ޑިމޮކްރެޓުން މިއަދުގެ އަޑުއެހުމަށް ހާޒިރުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން