އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް ރާއްޖޭގެ އިޤްތިޞާދީ ޙާލަތާމެދު އިއްޔެ ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ދަންނަވާނެ އެއްޗެއް ނޭންގޭ ކަމަށާއި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުންދާ މަންޒަރު ފެންނަ ކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ ދަށްވެފައި ވީނަމަވެސް މި އަހަރު ރާއްޖޭގެ އިޤްތިޞާދަށް 6.4 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ލަފާކުރާ ފިގަރ އެއް އެއީ 6.4 އިންސައްތަނަމަ ދެން ކުއަރޓަރލީ މެޝަރ ކުރަނީ. ކުރިއަރާނެ ކަމަށް ބެލެވެނީ.” ސަޢީދު ވިދާޅުވިއެވެ.

ހަމައެއާއެކު މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް ރާއްޖޭގެ އިޤްތިޞާދީ ޙާލަތާމެދު އިއްޔެ ފާޅުކުރެއްވި ކަންބޮޑުވުންތަކާމެދު ދަންނަވާނެ އެއްޗެއް ނޭނގޭ ކަމަށްވެސް ސަޢީދު މިއަދު ވިދާޅުވިއެވެ. އަދި އެއީ އިތުރަށް ދެނެގަންނަން ޖެހޭ ކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.

“މަޖިލީހުގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅަކަށް ރިއާޔަތްކުރެއްވި ނޫސްވެރިޔަކު. އެއީ ސިނގިރޭޓުގެ އާމްދަނީ ކަމަށްވުން އެކަށީގެންވެއޭ. ސަބަބުތައް އަޅުގަނޑުމެން ޖެހޭނީ ދެނެގަންނަން.” ސަޢީދު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ސަޢީދު ވިދާޅުވީ އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ދަށްވުމާއި ޖެނުއަރީ 1 ގައި އަމަލުކުރަން ފެށި ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެގްރީމެންޓާ ގުޅުމެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

ސަޢީދު މިހެން ވިދާޅުވެފައިވާއިރު މިއަހަރުގެ ޖަނަވަރީ މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.34 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 އިންސައްތަ ދަށް އަދަދެކެވެ.

ހަމައެއާއެކު ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 19 އިންސައްތަ ދަށްވެފައެވެ.

ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކަމަށް ސަޢީދު ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް އިއްޔެ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ޙާލަތު ރަނގަޅުވަމުންދާ މަންޒަރު ނުފެންނަ ކަމަށާއި އަދި ދަޢުލަތުގެ ހަރަދުތައް ކުޑަ ކުރެވިގެންދާ ތަންވެސް ނުފެންނަ ކަމަށެވެ.

ނާޒިމްގެ އިތުރުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމްވެސް އިއްޔެ ވަނީ ޤައުމު އޮތް ހާލަތު ރައީސަށް ކިޔައިދޭންޖެހޭ ކަމަށާއި އިޤްތިޞާދު ރަނގަޅުވާނީ ސަރުކާރުގެ ފޯމެޓަށް ބަދަލުތަކެއް ގެނެވިގެން ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން