މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އެކޯޓުން ނިންމުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.

ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެން ނުވާ ކަމަށް ބުނެ އެގޮތަށް ނިންމައި ދިނުމަށް އެދިފައެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުން އިއްޔެ ވަނީ އެމައްސަލަ ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަަކަ ދައްކަވަމުން އެމައްސަލަ ކޯޓަށް ހުށައެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން އިއްޔެ ނިންމީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީ އަށާއި ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު ހިތު ހުރި އިސްލާހެއް ޤާނޫނު އަސާސީ އަށް ގެނައުމަށް ފަހު އެއަށް ޗެލެންޖް ނުކުރެވޭނެ ކަމަށް ބުނުމުގެ ފުރުސަތެއް ދެން ނޯންނާނެ ކަމަށެވެ.

"ދެން އެއްވެސް މީހަކަށް ހިތު ހުރި އިސްލާހެއް ނުގެނެވޭނެ، ހަމަ ބޭނުން އިސްލާހެއް ގާނޫނު އަސާސީ އަށް ގެނެސްފައި މިފަދަ އިސްލާހެއް ކޯޓެއްގައި ޗެލެންޖެއް ނުކުރެވޭނެއޭ ނުބުނެވޭނެ، އެހެންވީމަ ޤާނޫނު އަސާސީއަށް ގެންނަ އިސްލާހަކީ މި ޤާނޫނު އަސާސީގެ އަސާސީ އޮނިގަނޑާއި އަދި ޤާނޫނު އަސާސީގެ އަސާސީ ސިފަތަކާއި އެއްގޮތް، ހަގީގަތުގައި ވާންޖެހޭނެ އެހެންނޫނީ ގާނޫނު އަސާސީގެ އަސާސީވަންތަ ކަން ނުވަތަ މުހިންމު ކަން ކެނޑިގެން އެބަދޭ،" އަލީ ހުސައިން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި އިއްޔެގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ބައްލަވާ އެ ކޯޓުގެ މުޅި ބެންޗުގައި މަޝްވަރާކުރުމަށް ފަހު، މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެއަށް ފަހު، މައްސަލަ ކޯޓުން ބެލޭނެތޯ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތް ހުކުމުގައި ހިމަނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެ ކޯޓުގައި މައްސަލަ ބައްލަވަނީ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. ދެން ބެންޗުގައި ތިއްބަވާނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން