އިލޮން މަސްކުގެ ނިއުރާލިންކުން އުފެއްދި "ބްރެއިން ޗިޕް"- ގޫގުލް އިމޭޖެސް
އިލޮން މަސްކުގެ ނިއުރާލިންކުން އުފެއްދި "ބްރެއިން ޗިޕް"- ގޫގުލް އިމޭޖެސް
އެމެރިކާގެ މަޝްހޫރު ވިޔަފާރުވެރިޔާ އިލޮން މަސްކުގެ ކުންފުންޏެއް ކަމަށްވާ ނިއުރާލިންކުން ވަނީ ދާދި ފަހުން އިންސާނާގެ ސިކުނޑިއަށް ލެއްވޭ ފަދަ ޗިޕެއް ތއާރަފް ކޮށްފައެވެ. މި ޗިޕަކީ އިންސާނާގެ ސިކުނޑިއާއި ކޮމްޕިއުޓާރުތަކާއި ގުޅުވައިދޭ އެއްޗެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ޗިޕްގެ ފުރަތަމަ ހިއުމަން ޓްރައިލް މިހާރު ކުރިއަށްދާއިރު، މިކަމާ ބެހޭ ގޮތުން އެތައް ބައެއްގެ ހިތްތަކުގައި އެކިކަހަލަ ސުވާލުތައް އުފެދޭނެކަން ޔަގީނެވެ. އެހެންވެ މިފަހަރު މި ބަލާލަނީ މި ޗިޕާ ގުޅޭ ގޮތުން އެނގެން ޖެހޭ ބައެއް ކަންކަމަށެވެ.

މި ޗިޕު ފަރުމާ ކުރެވިފައިވާ ބޭނުން

މި ޗިޕަކީ ސިކުނޑީގެ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އެހީތެރިވެދިނުމަށް ފަރުމާ ކުރެވިފައިވާ ޗިޕެކެވެ. މިސާލަކަށް، މުޅިން ހަށިގަނޑު ހަރަކާތްނުކުރެވޭ މީހުންނަށް ކޮމްޕިއުޓަރުތަކާއި ސްމާޓްފޯނުތައް މި ޗިޕް މެދުވެރިކޮށް ބޭނުން ކުރެވޭނެއެވެ.

މަސައްކަތް ކުރާ ގޮތް

މި ޗިޕް މަސައްކަތްކުރާނީ ސިކުނޑީގެ ސިގްނަލްތައް ރިކޯޑްކޮށް، އެ ސިގްނަލްތައް ބްލޫޓޫތުގެ ޒަރިއްޔާއިން ކޮމްޕިއުޓަރަކަށް ފޮނުވައިގެންނެވެ. މިގޮތުން، މީހާގެ ވިސްނުމުން ކޮމްޕިއުޓަރު ނުވަތަ ސްމާޓްފޯނު ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

ޗިޕް ލެއްވޭނީ ކޮން ބަޔަކަށް؟

މި ޗިޕް ލެެއްވޭނީ ސިކުނޑީގެ ބަލިތައް ހުންނަ މީހުންނަށެވެ. މިސާލަކަށް ލޯ ފަންވެފައި ހުރި މީހުންނާއި، ހަށިގަނޑުން ބައެއް ހަރަކާތްނުކުރެވޭ މީހުންނަށް މި ޗިޕް ލެއްވިދާނެއެވެ.

ޗިޕް ލެއްވުމުގެ ނުރައްކާތައް

މި ޗިޕް ލެއްވުމުން މީހާއަށް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ސިކުނޑީގެ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު އޮތުން ހިމެނެއެވެ. އަދި ޗިޕް ލެއްވުމަށްފަހު ނަގައިފިނަމަ އޭގެ ސަބަބުން ސިކުނޑިއަށް ގެއްލުން ވުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ޗިޕް ލެއްވުމުގެ ކުރިން ވިސްނަން ޖެހޭ ކަންތައް

މި ޗިޕް ލެއްވުމުގެ ކުރިން އޭގެ ރައްކާތެރިކަމާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ރަނގަޅަށް ދިރާސާކުރަން ޖެހެއެވެ. އަދި މި ޗިޕް ލުމަށް ނިންމުމުގެ ކުރިން ޑޮކްޓަރުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން