ރައީސް ދ. މީދޫ ކައުންސިލާ ބައްދަލު ކުރައްވަނީ
ރައީސް ދ. މީދޫ ކައުންސިލާ ބައްދަލު ކުރައްވަނީ
ރާއްޖޭގައި ވޭޕް މަނާކުރުމުން ދ. މީދޫ ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތައުރީފުކޮށްފިއެވެ.

އެ ކައުންސިލުން އެކަން ފާހަގަ ކުރައްވާފައިވަނީ، ރައީސް މިއަދު އެ ރަށަށް ވަޑައިގެން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ރަށު ކައުންސިލުން މި ބައްދަލުވުމުގައި ބުނެފައިވަނީ ވޭޕް މަނާކުރަން ނިންމެވި ނިންމެވުމަކީ ޒުވާނުންގެ ކުރިމަގަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުން އެކަން މަނާކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތައުރީފު ކުރާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށުގެ ތަރައްގީއަށް މިހާރު މުހިންމުވެފައި ހުރި ކަންކަން ވެސް ރައީސަށް ހިއްސާ ކޮށްފައެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ހުރި ކަންބޮޑުވުންތައް ފާހަގަ ކުރިއެވެ. މީގެއިތުރުން ރަށުގެ ސިއްހީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ ރައީސް އަރިހު އެދިފައެވެ.

ވޭޕް މަނާކުރުމުން ދ. މީދޫ ކައުންސިލުން އެކަމަށް ތައުރީފު ކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ އެކަން މަނާ ކުރީ ހެދި ދިރާސާތަކުން އެކަން އޮތީ ގައުމުގެ މުސްތަގުބަލަށް ނުރައްކާވާ ހިސާބުގައިކަމަށް ފެންނާތީކަމަށެވެ. ހާއްސަކޮށް ސުކޫލު ދަރިވަރުން ވޭޕް ބޭނުންކުރާ މިންވަރުހުރީ ކަންބޮޑުވާ ހިސާބުގައިކަމަށް ދިރާސާތަކުގައިފާހަގަ ކޮށްފައިވާކަމަށް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން