ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ހޯމް މިނިސްޓަރު ޢަލީ އިޙުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. އެއަށްފަހު ދެން ބަހުސް ކުރުމަށް އޮތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ބިލަށް ބަހުސް ކުރުމެވެ.

މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި މިވަނީ އެ މައްސަލާގައި ޕީއެންސީގެ މެންބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މި ބިލާ ގުޅޭގޮތުން މިއަދު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގައި ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. އެ މަޝްވަރާތަކުގައި ބައެއް މެންބަރުން އެކަމަށް ދެކޮޅު ހެދިއިރު، އަނެއްބައި މެންބަރުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގޮތަށް އެދިވަޑައިގަންނަވާނަމަ އެގޮތަށް ކުރިއަށްދާން ވޯޓު ދެއްވާނެކަމަށެވެ.

މެންބަރު ސައްތާރު ހުށަހަޅުއްވާފައިވާ ބިލްގައިވާގޮތުން، އެ ބިލުގައިވާގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ތިރިކުރަން ނިންމައިފިނަމަ ވަކިކުރަންޖެހޭ ދެ ފަނޑިޔާރުގެ ނަން، ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެއެވެ. އަދި މަޖިލީހުން 7 ދުވަހުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން