ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ވުޒާރާގެ ދަށުން ހިންގާ އެއްވެސް މުއައްސަސާއެއްގައި މީގެ ފަހުން ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގައި މިއަދު މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

އެގޮތުން އިޙްސާން ވިދާޅުވީ ޑީއެންއާރުގެ މީޓިން ރޫމެއްގައި ދާޚިލީ ވުޒާރާގެ ސިޔާސީ މުވައްޒަފުން ކޮށްފައިވަނީ ޕީއެންސީގެ ފޯމުތަކުގެ ހެކިވެރިންގެ އިނގިލީގެ ނިޝާން ޖެހުމާއި ފޮޓޯ ޕްރިންޓު ކުރުން ފަދަ މަސައްކަތްތައް ކަމަށެވެ. އަދި އެމަސައްކަތް ދާޚިލީ ވުޒާރާގެ ސިޔާސީ މުވައްޒަފުން ކުރަށްވާފައިވަނީ ކޮންމެ ސިޔާސީ މުވައްޒަފަކު ވަކި ޢަދަދަކަށް ފޯމު ހަމަ ކުރަން އޭނާ އެންގެވުމުން ކަމަށް އިޙްސާން ވިދާޅުވިއެވެ.

އެހެން ނަމަވެސް ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތްތައް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ކުރެއްވުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން ޤަބޫލު ކުރަށްވާ ކަމަށްވެސް އިޙްސާން މިއަދު ވަނީ ވިދާޅުވެފައެވެ.

“އެކަން ނުކުރުމަށް ވާނީ އަންގާފައި. އެކަން އެގޮތަށް ދެން ނުހިނގާނެ.” އިޙްސާން ވިދާޅުވިއެވެ.

އިޙްސާން މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު އެމްޑީޕީން އިޙްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސްގައި ހުރި ރައްޔިތުންގެ މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް އިޙްސާން މިއަދު ވިދާޅުވެފައިވަނީ އެމަޢުލޫމާތަކީ 2014 ވަނަ އަހަރުން ފެށިގެން ޢާއްމުކޮށް ބޭނުންކުރަމުންދާ މަޢުލޫމާތުތަކެއް ކަމަށެވެ. އަދި ޑީއެންއާރުގެ ޑޭޓާ ބޭނުން ކޮށްގެން ޕާޓީއަށް މެންބަރުން ވެއްދިނަމަ ހޯމް މިިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހުށަހަޅާނީ އެންމެ 1،700 ފޯމު ނޫން ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން