މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ ބިލުގެ ބަހުސް މިއަދު ފަށައި ނިންމާލައިފައިވާ އިރު ބިލުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރުމަށެވެ. މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ ހަތް ބޭފުޅުން ނެވެ.

ބިލުގައިވާ ގޮތުން ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރަން ނިންމައިފިނަމަ ވަކިކުރަންޖެހޭ ދެ ފަނޑިޔާރުގެ ނަން، ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންވާނެ އެވެ.

އެ ބިލުގެ ބަހުސް ނިންމައި ބިލު ބަލައިގަތުމާމެދު ވަނީ ވޯޓަށް އަހައިފަ އެވެ. އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 64 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަަމށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެއާއެކު ބިލު އިތުރަށް ދިރާސާކުރަން މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވި ނަމަވެސް ބައެއް މެމްބަރުން އެ ބިލާ ދެކޮޅުކަން ވޯޓު ދެއްވިކަން ވަނީ އެނގިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން