ޤައުމީ ކުޅިވަރު ޖަމްއިއްޔާތަކުގެ އިންތިޚާބުތަކަށް ސަރުކާރާއި ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވުން ހުއްޓުވަންޖެހޭ ކަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޓީޓީގެ މައި އިދާރާ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން ދިނުމާއި ގުޅިގެން އުޝާމް ވިދާޅުވީ މިއީ ޤައުމީ ކުޅިވަރުތަކަށް ލިބިގެންދާ ވަރަށްބޮޑު ދެރައެއް ކަމަށެވެ.

ޤައުމީ ކުޅިވަރު އެސޯސިއޭޝަން ތަކަކީ ވަރަށް މިނިވަންކަމާއި މުސްތަޤިއްލު ކަމާއިއެކު ސަރުކާރާއި، ސަރުކާރުގެ ބާރުހުރި ސިޔާސީ މަޤާމުތަކާއި، މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނުފޫޒުން އެއްކިބާވާންޖެހޭ ތަންތަން ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް މިއަދު މިފެންނަނީ ތިމާގެ މަސްލަހަތާއި ޝައުގުވެރިކަން އޮންނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކުގެ ތެރެއަށް ސަރުކާރުގެ ބާރުހުރި ސިޔާސީ ބޭފުޅުންގެ ނުފޫޒު ފޯރުވަމުންދާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމީ ކުޅިވަރު ޖަމްއިއްޔާތަކުގެ އިންތިހާބުތަކާއި ހިންގުމުގެ ތެރެއަށް ސަރުކާރުންނާއި ސިޔާސީ ފަރާތްތަކުން ވަދެ ނުފޫޒު ފޯރުވުން ހުއްޓާލަންވެއްޖެ. ކުޅިވަރު ކުރިއެރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒުތައް މާބޮޑަށް ވަނުން." މެމްބަރު އުޝާމް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން ޓީޓީ އެސޯސިއޭޝަނަށް ފޮނުވާފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް އެ އިދާރާއިން ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި، ޓީޓީގެ ކަންކަން މިހާތަނަށް ކުރިއަށް ގޮސްފައިވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ބުނެފައި ވެއެވެ. އަދި ޓީޓީގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، އެކަން ހުއްޓުވުމަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ. ނޫންނަމަ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް އެ ބަޔާނުގައި ވަނީ ދީފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެފައެވެ. ޓީޓީގެ މައްސަލަ ހުށަހަޅާފައިވަނީ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. މިމައްސަލަ ކޯޓުން މިހާރު ބަލައިގެންފައި ވާއިރު މައްސަލަ ހުށަހަޅާފައިވާ ޢަލީ އާދަމް މަނިކުގެ ގާނޫނީ ވަކީލަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން