ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން
މަދު ވަގުތުކޮޅެއްގެ ތެރޭގައި މިއަދު ހިނގި ކަންކަމުން ހާމަވަނީ ޖުޑިޝަރީއަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު ޖޭއެސްސީން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދަށް ތާވަލު ކޮށްފައި އޮތް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

މައްސަލައިގެ އަޑުއެހުން ކެންސަލް ކުރުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ޙުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް އޭސީސީން ކުއްލިއަކަށް ތަހުގީގު ކުރަން ފެށުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިއަދު ހިނގި ހުރިހާ ކަމަކުން ވެސް ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މިންވަރު ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އޮންނަ އުސޫލާއި އިޖުރާއަތުގެ ތެރެއިން މައްސަލައެއް ތާވަލު ކޮށް މައްސަލައިގެ އަޑުއެހުމަށް ކުޑަތަން ވެފައިވަނިކޮށް އޭސީސީގެ ބައިވެރިވުމާއެކު ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ އަލީ ހުސައިން ވަނީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނެތް މައްސަލައެއް އުފައްދައިގެން ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ކަމަށްވެސް ވިދާޅުވެފައެވެ.

“މިއަށްވުރެ ބޮޑަކަށް ވަކިން ޖުޑީޝަރީއަކަށް ނުވަތަ ފަނޑިޔާރު ގެއަކަށް ނުފޫޒު ފޯރުވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ.” އަލީ ހުސެއިން ވިދާޅުވިއެވެ.

މީގެއިތުރުން އަލީ ހުސެއިން ވިދާޅުވީ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނާއި ހިލާފު އެތައް ކަމެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން މިއަދު ފާސްކުރި ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާޙަކީ އެފަދަ ޢަމަލުތަކަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު ޖޭއެސްސީން މިއަދު ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ ކޮމިޝަނަށް އަންގާފައިވާތީ ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާއިރު މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް މިއަދު ހެނދުނު 11:00 އަށް އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ މި އަޑުއެހުން ކެންސަލް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން