ވަކީލުން މިއަދު ޖޭއެސްސީ އަށް ވަންނަނީ | ފޮޓޯ: މީސްމީޑިއާ
ވަކީލުން މިއަދު ޖޭއެސްސީ އަށް ވަންނަނީ | ފޮޓޯ: މީސްމީޑިއާ
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރަށްވާ މެންބަރު ވޯޓު ދިން ގޮތް ހޯދަން ބައެއް ވަކީލުން ޖޭއެސްސީއަށް ގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއަށް މިއަދު ހެނދުނު ދިޔަ ވަކީލުން މަސައްކަތް ކުރަށްވާފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރަން އިއްޔެ ޖޭއެސްސީން ނިންމި ނިންމުމުގައި ވަކީލުން ތަމްސީލް ކުރަށްވާ މެންބަރު ވޯޓު ދެއްވިގޮތް އޮޅުން ފިލުވުމަށެވެ.

ޖޭއެސްސީގައި ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވުމަށްފަހު ބޭރަށް ނިކުންނަވައި ވަކީލުންގެ ފަރާތުން ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ އެބޭފުޅުން ސާފު ކުރަށްވަން ބޭނުންވި އެއްވެސް މަޢުލޫމާތެއް ޖޭއެސްސީން ފޯރުކޮށްދެއްވާފައި ނުވާ ކަމަށެވެ.

އެގޮތުން އޭސީސީއަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހުށައަޅާފައިވާ މައްސަލައެއްގައި އިއްޔެ 13 މިނެޓްގެ ނޯޓިހެއް ދިނުމަށްފަހު ބޭއްވި ކުއްލި ބައްދަލުވުމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް ޢަލީ ވިދާޅުވިއެވެ.

ހަމައެއާއެކު ޖޭއެސްސީގެ އެ ބައްދަލުވުމުގައި އެ ކޮމިޝަނުގައި ކޯޓުތައް ތަމްސީލު ކުރަށްވާ އެއްވެސް ފަނޑިޔާރަކަށްވެސް ބައިވެރިވެވަޑައި ނުގެންނެވޭކަން ޢަލީ ފާހަގަ ކުރެއްވިއެވެ.

ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރަށްވާ މެންބަރު އިއްޔެ ވޯޓު ދެއްވި ގޮތް ސާފުކުރުމަށް ބައެއް ވަކީލުން ޖޭއެސްސީއަށް މިއަދު ގޮސްފައިވާއިރު ބާ ކައުންސިލުން އިއްޔެ ވަނީ ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައި ބިލްގެ ދަށުން ނިންމާ އެއްވެސް ނިންމުމެއްގައި ބައިވެރި ނުވުމަށް ޖޭއެސްސީގައި އިންނަވާ ވަކީލުންގެ މެންބަރަށް ގޮވާލާފައެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށްވެސް ބާ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި މައްސަލާގައި ޖޭއެސްސީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ ކޮމިޝަނަށް އަންގާފައިވާތީ އެ 3 ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަސައްކަތުން އިއްޔެއިން ފެށިގެން ވަގުތީގޮތުން ދުރުކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން