މި އަހަރުތެރޭ ފެށިގެންދާ ހައުސިން މަޝްރޫއުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންވެގެން ދާނެކަމަށާއި އެހެންކަމުން ފުލެޓް ނުލިބުނު ފަރާތްތަކުން ވެސް މާޔުސް ނުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ސަރުކާރުން ތަރައްގީކުރި އިއްޒުއްދީން ފާލަން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ، މިއަދު އާންމުކުރި ފުލެޓް ލިބޭ މީހުންގެ ލިސްޓްގައި ނުހިމެނުނު ފަރާތްތަކުން ކަންބޮޑު ނުވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މި އަހަރުތެރޭ ފެށިގެންދާ ހައުސިންގެ ބޮޑެތި މަޝްރޫއުތަކާ އެކު މާލޭ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކުރެވިގެން ދާނެކަމަށެވެ.

އެގޮތުން، މި އަހަރުތެރޭ ހުޅުމާލޭގައި އެތައްހާސް ހައުސިންގ މަޝްރޫއެއް ފަށަން ނިންމާފައިވާކަމަށާއި އޭގެ އިތުރުން ވިލިމާލެ، ގުޅިފަޅުގައި ވެސް އެތައްހާސް ހައުސިންގ މަޝްރޫއެއް ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.

އަދި ގިރާވަރުފަޅު ވެސް ހިކިގެން ދިޔައީމަ އެތަނުގަ އާއި މި އަހަރު ފަށަން ނިންމާފައިވާ އުތުރުތިލަފަޅުގެ މަޝްރޫއު ވެސް ނިމިގެން ދިޔުމުން އެ ތަނުގައި ވެސް ހައުސިންގ މަޝްރޫއުތައް ކުރިއަށްދާނެކަމަށާއި ރަސްމާލޭގައި ވެސް ފުލެޓާއި ގޯތި ދޫކުރުން ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުތައް ނިމުމުން 18 އަހަރު ފުރިފައިވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީން ކުރެވިގެން ދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން