އިޙްޔާ ފޯރަމްގެ ބައްދަލުވުމެއް
އިޙްޔާ ފޯރަމްގެ ބައްދަލުވުމެއް
މިއަހަރު ރަމަޟާންމަހުގެ އިޙްޔާ ފޯރަމްތައް މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރަކީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމް ސަރުކާރުން ގެނެސްދޭތާ 47 ވަނަ އަހަރެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފޯރަމްތައް ބޭއްވުމަށް ކަނޑައަޅާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރޭގައެވެ.

މިއަހަރު އިޙްޔާ ފޯރަމްތަކުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިނާއި، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރާއި، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އާއި، ޑރ. މޫސާ އަންވަރު ޙަސަނާއި، ޑރ. އަނާރާ ނަޢީމް އަދި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ހިމެނިވަޑައިގަންނަވައެވެ.

ހަމައެއާއެކު މިއަހަރުވެސް ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައި އޮންނާނެއެވެ.

އޭގެއިތުރުން މާލެއެކޭ އެއް ފެންވަރެއްގައި އިހްޔާ ފޯރަމްތައް މިއަހަރު އަތޮޅުތެރޭގައިވެސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫ އަދި ރ. މީދޫގައެވެ. މި ރަށްތަކުގައި އިޙްޔާ ޕްރޮގްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި ފޯރަމްތަކުގައި ބައިވެރިވެ، އޭގެ ފައިދާ ހޯދުމަށް ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން