ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގެ މުވައްޒަފުން މަސައްކަތުގައި- ފޮޓޯ: ފުލުހުން
ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގެ މުވައްޒަފުން މަސައްކަތުގައި- ފޮޓޯ: ފުލުހުން
2024 ވަނަ އަހަރު އެންމެ ގިނައިން ދައުވާ ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްސް (ޕީޖީ) އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި އަހަރު ޖުމްލަ 133 ބާވަތެއްގެ މައްސަލައިގައި 1680 މީހުންގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަަލަތައް ކަމަށްވީއިރު، އެންމެ ގިނައިން ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 269 މީހެއްގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ދައުވާ ކުރަން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައެވެ. އެގޮތުން މި ކުށުގައި 220 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ތިންވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މައްސަލަތަކެވެ. ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ބާވަތުގެ މައްސަލަތަކުގައި 178 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެހެން އަހަރުތަކުގެ މައްސަލަތަކަށް ބަލާއިރު، 45 ބާވަތުގެ ކުށުގެ މައްސަލަތަކުގައި ވަނީ ދައުވާ ކުރުމަށް ހުށަހަޅާފައެވެ. މި މައްސަލަތަކުގައި 171 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މީގެ ތެރޭގައިވެސް ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް އިންތިހާއަށް ގިނަވެފައިވާއިރު، މިދިޔަ މަހު ބޭއްވި އެންޑީއޭ ބައްދަލުވުމުގައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފަރުވާގެ ނިޒާމަށް މީހުން ވެއްދުމުގެ މަރުހަލާ އަވަސްކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން