ރޯދަމަހު ޓީވީއެމުން ދައްކަމުން އަންނަ"މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ އެކްޓަރުންގެ ތެރެއިން މިއަދު މި ބަލާލަނީ އެ ސިލްސިލާގައި މުހިއްމު ރޯލެއް އަދާކުރި މިސްރުގެ މަޝްހޫރު އެކްޓަރު ޙަމްދީ ޣައިޘްގެ މައްޗަށެވެ. 15 ޖުލައި 1980 ގައި އޭގެ ފުރަތަމަ ބައި ރިލީޒްކުރެވުނު "މުޙައްމަދު ރަސޫލުﷲ" ސިލްސިލާގައި ޙަމްދީ ޣައިޘް އަދާކުރި ރޯލަކީ ސަލާމްލެއްވި އިބްރާހީމްގެފާނުން ފެށިގެން ސަލާމްލެއްވި ޔޫސުފްގެފާނާ ހަމައަށް ދެއްކި ބައިގައި އުޅުނު ޢަމާލީޤުންގެ ވެރިޔާ ސަމައިދާ ބުނު ޤާތޫރާގެ ކެރެކްޓަރުގެ ދައުރެވެ.

ޙަމްދީ ޣައިޘަކީ ހުރިހާ ޢަރަބީންނާއި އަދި އޭނާގެ މަސައްކަތް ފެނުނު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ކުޅަދާނަ މޮޅު އެކްޓަރެކެވެ. އޭނާގެ ފުރިހަމަ ނަމަކީ މަޙްމޫދު ޙަމްދީ އަލްޙުސައިނީ ޣައިޘެވެ. ޙަމްދީ ޣައިޘް އުފަންވީ 1924 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު މިސްރުގެ އަލްޝަރްޤިއްޔާގެ އަވަށެއް ކަމުގައިވާ ކަފްރް ޝަލްޝަލްމޫންގައެވެ. އުފަންވީ އަވަށުގެ ގަދަރުވެރި މުއްސަނދި އާއިލާއަކަށެވެ. އޭނާގެ ބައްޕައަކީ އެ އަވަށުގެ މޭޔަރުވެސް މެއެވެ.

މަދަރުސާ ނިންމުމަށްފަހު ޙަމްދީ ޣައިޘް މަތީ ތަޢުލީމު ފުރަތަމަ ފެށީ އެކްޓިންގެ ދާއިރާއަކުން ނޫނެވެ. ފުރަތަމަ އޭނާ އުޅުނީ ޤާނޫނު ކިޔަވައިގެން އެ ދާއިރާއިން ކުރިޔަށްދާށެވެ. އެގޮތުން ޤާނޫނު ކިޔަވަން ޤާހިރާ ޔުނިވަރސިޓީގެ ކޯހެއްގައި ބައިވެރިވިއެވެ. ނަމަވެސް އެ ކޯސް ނުނިންމާ އޭގެ ތިން އަހަރު ފަހުން އެކްޓިންގ އިންސްޓިޓިއުޓަށް ވަދެ 1948 ގައި އެތަނުން ދަސްވެނިވިއެވެ. އޭގެފަހުން ފަރަންސޭސިވިލާތުން އެކްޓްކުރުމުގެ ދާއިރާއިން ޚާއްޞަ ސްކޮލަޝިޕެއް ލިބިގެން ޕެރިހަށް ދިޔައެވެ.

ޕެރިހުން އެކްޓިންގ ކިޔަވައިގެން އައިސް އޭނާ ކުޅުނު ފުރަތަަމަ ފިލްމަކީ 1954 ގައި ނުކުތް صراع في الوادي އޭ ކިޔުނު ފިލްމެވެ. އޭގެ ފަހުން އޭނާ ވަނީ މަޝްހޫރު އެތައް ފިލްމެއްގައި ތަފާތު އެކި ރޯލުތައް ކުޅެ އަރަބި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައެވެ. އޭނާ ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޞަލާހުއްދީން އަލްއައްޔޫބީގެ ހަޔާތްޕުޅުގެ މައްޗަށް ކުޅުނު الناصر صلاح الدين ފާހަގަކޮށްލެވެއެވެ. މި ފިލްމުގައި އޭނާ ކުޅުނީ އިނގިރޭސީންގެ ރަސްގެފާނު ރިޗަޑް ދަ ލަޔަންހާޓްގެ ރޯލެވެ.

1960 ގެ އަހަރުތަކުގެ ފެށިގެން އޭނާ ވަނީ ތަފާތު އެކި ފަސްދޮޅަހަކަށް ޓެލެޑްރާމާގައި ތަފާތު އެކި ރޯލު އަދާކޮށްފައެވެ. މިގޮތުން ގިނަ ޑްރާމާތަކަކީ ދީނީ އަދި ތާރީޚީ ކަންކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑްރާމާތަކެކެވެ. މި ގޮތުން ފާހަގަކޮށްލެވޭ ޑްރާމާތަކުގެ ތެރޭގައި محمد رسول الله، الفتوحات الاسلامية، الشهد والدموع، بوابة المتولي، لا إله إلا الله، ذئاب الجبل، زيزينيا ހިމެނެއެވެ. ދިވެހީންނަށް ޙަމްދީ ޣައިޘް ފެނި މަޝްހޫރުވެގެން ދިޔައީ މިތަނުން މުޙައްމަދުއްރަސޫލުﷲ ގައި އޭނާ ކުޅުނު ސަމައިދާގެ ރޯލުންނެވެ.

މުޙައްމަދުއްރަސޫލުﷲ ސިލްސިލާގައި އޭނާ އަދާކުރި ރޯލުގެ އިތުރުން ދިވެހީންނަށް އޭނާ ވަނީ މާކުރިން ވެސް ފެނިފައެވެ. އެއީ ހޮލީވުޑް ފިލްމު އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ސީރިޔާގެ މުޞްޠަފާ އަލްޢައްޤާދް އުފެއްދި އައްރިސާލާ ފިލްމުންނެވެ. މިއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް 1976 ގައި ކުޅެފައިވާ ފިލްމެކެވެ. އެ ފިލްމު ކުޅުނީ އޭގެ އިނގިރޭސި އަދި ޢަރަބި ވަރޝަނެއް ހިމެނޭ ގޮތަށެވެ. އިނގިރޭސި ވަރޝަންގައި އިނގިރޭސި އެކްޓަރުންނެވެ. ޢަރަބި ވަރޝަންގައި ޢަރަބި އެކްޓަރުންނެވެ. މިގޮތުން މީގެ ޢަރަބި ފިލްމުގައި ޙަމްދީ ޣައިޘް އަދާކުރި ރޯލަކީ ފިލްމުގެ މައި ރޯލުތަކުގެ ތެރެއިިން މައްކާގެ ޒަޢީމް އަބޫސުފްޔާންގެ ރޯލެވެ. އަޅުގަނޑު ކުޑައިރު 1980 ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމުން މި ފިލްމު ދެއްކިއެވެ. މި ފިލްމުގައި ހަމްޒަތުގެފާނުގެ ރޯލު އަދާކުރީ ޙަމްދީ ޣައިޘްގެ ކޮއްކޮ ޢަބްދުﷲ ޣައިޘްއެވެ. މީގެ ކުރިން މި ނޫހުގައި ޣަބްދުﷲ ޣައިޘްގެ މައުލޫމާތު ގެނެސްދީފައިވާނެއެވެ. އެއީ މުޙައްމަދުއްރަސޫލުﷲ ސިލްސިލާގައި ގިނަ ރޯލުތަކަށް ކުޅުނު މަޝްހޫރު ފަންނާނެކެވެ.

ޙަމްދީ ޣައިޘްއާއި އޭނާގެ ކޮއްކޮ ޢަބްދުﷲ ޣައިޘްއާ ދެމެދު ވަރަށް ޚާއްޞަ ގުޅުމެއް އޮތެވެ. އެ ގުޅުން ބައެއް މީހުން ސިފަކޮށްފައިވަނީ ބައްޕައަކާއި ދަރިއެއްގެ ގުޅުމާ އެއްފަދަ ގޮތެއްގައެވެ. އެ ގުޅުން ފެށުނީ "ޙަމްދީ" ގެ އުމުރުން 10 އަހަރާ ގާތްވިއިރު އެ ދެބެއިންގެ ބައްޕަ ނިޔާވުމުން، ބޭބެ ކޮއްކޮ ބެލެހެއްޓުމުގެ ޒިންމާ ނެގުމުންނެވެ. ޙަމްދީ ޣައިޘް އެކަމާ ބެހޭގޮތުން ބުނެފައިވަނީ: "ޢަބްދުﷲ އަކީ އަހަރެންގެ ބައެއް. އަހަރެމެންގެ ބައްޕަ ނިޔާވީ އޭނާގެ އުމުރުން އެއް އަހަރު ނުވަނީސް. އެހެންކަމުން އަހަރެން އޭނާގެ ޒިންމާ އުފުލަންޖެހޭނެކަމަށް ބެލިން. އަދި އޭނާއަކީ އަހަރެންގެ އެއްބަނޑުއެއްބަފާ ކޮއްކޮއަކަށް ވުރެން ބޮޑަށް ދަރިއެއްކަމަށް ދެކުނީން. އަހަރެން އެކްޓްކުރުމުގެ ދާއިރާއަށް ނުކުތްއިރުވެސް އޭނާ އަހަރެންނާ އެކުގައި ހުރެ، އަހަރެން ކުރާ ކަންތައްތައް ކޮޕީކުރަމުން ދިޔަ. އަދި އޭނާ އަހަރެން ގާތު ބުނަމުން ދިޔައީ އަހަރެންނަކީ އޭނާގެ ރޯލް މޮޑެލްކަމަށް. އަހަރެން އޭނާއަށް ހިތްވަރުދެމުން ދިޔައިން. އަދި އަހަރެން ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ވަރަށް މޮޅު އަދި ހުނަރުވެރި އެކްޓަރެއް. ހޮލީވުޑްގެ މަޝްހޫރު ތަރި އެންތަނީ ކުއިން އަށް ވެސް 'ދަ މެސެޖް' ފިލްމުގެ ޢަރަބި ވަރޝަން 'އައްރިސާލާ' ކުޅެމުންދިޔައިރު އޭނާގެ މޮޅު އެކްޓިންގ ފެނި އަންތަރީސްވި."

1993 ވަނަ އަހަރު ޣަބްދުﷲ ޣައިޘް ނިޔާވުމާ ގުޅިގެން ހަމްދީ ޣައިޘަށް ވަރަށް ބޮޑު ހިތާމައެއް ލިބުނެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އޭނާ ބަލިކަށިވެ ފަރުވާ ވެސް ހޯދަންޖެހުނެވެ. ޢަބްދުﷲ ނިޔާވި އިރު އޭނާ ކުޅެމުން ދިޔަ ސިލްސިލާ ފިލްމު "އަލްމާލް ވަލްބަނޫން" ގައި އޭނާ އަދާކުރަމުން ދިޔަ "ޢައްބާސް އައްޟޫ" ގެ ބައި ފަހުން އަދާކުރީ ޙަމްދީ ޣައިޘެވެ.

ޙަމްދީ ޣައިޘް ދެ ކައިވެންޏެއް ކުރިއެވެ. ފުރަތަމަ ކައިވެނިން އޭނާއަށް އޭނާގެ ދޮށީ އަންހެން ދަރިފުޅު މިޔާދާ ލިބުނެވެ. މިޔާދާގެ މަންމަ ނިޔާވުމުން އޭނާ ދެވަނައަށް ކުރި ކައިވެނިން އޭނާގެ ދެވަނަ އަންހެން ދަރިފުޅު މައި ލިބުނެވެ.

ޙަމްދީ ޣައިޘް ނިޔާވީ އުމުރުން 82 އަހަރުގައި 2006 ވަނަ އަހަރުގެ މާޗު މަހުގެ 7 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން