ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި ކޯޓު ހިންގިޔަ ނުދީ ހުރަސްއެޅުމުގެ ވާހަކައަކީ އެއް ޒަމާނެއްގައި ވަރަށް ބާރަށް ދެކެވުނު ވާހަކައެކެވެ. އެކަން ހިނގާ ދިޔަ ގޮތާއި އެކަން ކުރި ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެންމެ ބާރަށް މިއަދު އެވާހަކަ ދައްކަވާ ފަރާތްތަކަށެވެ. އެކަން ކުރިކަމަށް ކިޔައި އުޅެނީ އެމީހުން އެކިޔާ ފިކުރުގެ ތެރެއިންނެވެ. އަދި އެބުނާ ކޯޓެއް މަގުމަތީގައި ހަދައިގެން ޝަރީޢަތް ހިންގުމުގެ ތާރީޚެއް އޮތީވެސް އެ ފިކުރުގެ ތެރޭގައެވެ. ދެން އޮތީ އެބުނާ ކޯޓެއްގެ ފުރާޅުން ޓިނު ނެގި ވާހަކައެވެ. އެކަން ކުރި މީހުންވެސް މިއަދު ކިޔަނީ އެހެން ލަވައެކެވެ. އެލަވަ ރަނގަޅަށް އަޑުއަހައިލުމުން ފަހުމްވަނީ މިހާރު އެއީ ނުކުރާ ކަމަކަށް ނުވަތަ ނުހިނގާ ކަމަކަށް ވެ ނިމިއްޖެ ކަމެވެ.

ސުޕްރީމް ކޯޓުގެ ސުޕްރަމަސީ ނުވަތަ ޚާއްޞަ ބާރު މިހާތަނަށް މި ގައުމުގައި ތަޖުރިބާ ކުރެވިފައި ވަނީ ވަރަށް ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައެވެ. އެ ހަތިޔާރުގެ ބޭނުން ކޮށްގެން އެކޯޓުން ނިންމާފައިވާ ނިންމުންތައް ރޫޅާލައި ޖަލުގައި ތިބި ބަޔަކު ވަގުތުން މިނިވަންކޮށް ދޫކޮށްލާފައި ވެސް ވެއެވެ. އިންތިޚާބީ ރައީސަކު ހުވައި ނުކުރައްވަނީސް އޭނާގެ ވަޢުދު ފުއްދައި ދިނުމަށް އަމިއްލައަށް ކޮށްފައިވާ ހުކުމެއް ބާތިލުކޮށް ސިޔާސީ ލީޑަރަކު މިނިވަން ކުރީ ވެސް އެބުނާ ބާރުގެ ބޭނުން ކޮށްގެންނެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި ހިނގާދިޔަ މަޝްހޫރު އެކެއް ފެބްރުއަރީ ބަޣާވާތަކީވެސް އެބުނާ ކޯޓަކުން އޭރުގެ އިދިކޮޅު ފަރާތްތަކަށް ކޮށްދޭން އުޅުނު ކަމެކެވެ. އެހެންވީމާ މިރާއްޖޭގައި ސުޕްރިމް ކޯޓުގެ އެބުނާ ސުޕްރަމަސީގެ ބާރު ބޭނުން ކޮށްފައި ހުރީ ގާނޫނުން ނުދޭ ބާރުތަކެއް އަމިއްލައަށް ނަގައިގެން މުޅި ގައުމުގެ ކޮންޓްރޯލް ނެގުމަށޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ކަންމިހެން އޮތް ނަމަވެސް މިކަން މާ ރަނގަޅަށް އެނގިވަޑައިގަންނަވާ ބަޔަކު ކުރިއަށް ނުކުމެ މިއަދު އެ ވަކާލާތު ކުރައްވަނީ އެބުނާ ބޮޑު ބާރު އެމީހުންގެ އަތުގައި އޮންނަން ޖެހޭނެ ކަމަށް ބުނެއެވެ. އަދި ކުރިން އެމީހުން ކުރި ކަންތައް މިހާރު އެހެން ބަޔަކު ކުރުމަކީ ނުފުއްސަވާނެ ފާފައެއް ކަހަލަ ކަމެއް ކަމުގައި އެމީހުން އެދަނީ ސިފަކުރަމުންނެވެ. އެވާހަކަ މިއަދު އަޑުން އަޑުނަގާފައި ދައްކަވާ ބޭފުޅުން ސުޕަރ މެޖޯރިޓި ބޭނުން ކުރައްވައިގެން ގާނޫނު އަސާސީވެސް ބަދަލު ކުރިއެވެ. އަދި ގާނޫނު ބަދަލުކޮށް މިހާރު ކަންބޮޑުވެގެން އެއުޅޭ ސްޕްރީމް ކޯޓުގެ ބެންޗުވެސް ބަދަލު ކުރިއެވެ. އެމީހުން ބަދަލުކުރީ ވެސް ފަނޑިޔާރުންގެ އަދަދު ގުނާ މާއްދާއެވެ. މި ސަރުކާރުން ވެސް ކުރަން މިއުޅެނީ ހަމަ އެކަމެވެ. އެމީހުން ބަދަލުކުރީ ފަހަކުން ހަތަކަށެވެ. މިހާރު އަނެއްކާވެސް ކުރިން އޮތް ގޮތަށް ހަތަކުން ފަހަކަށެވެ.

ދެން އޮތީ މިކަން ކުރި ނުވަތަ ކުރަން އުޅޭ މަގުސަދާއި، ސަބަބާމެދު ވިސްނާ ވިސްނުމާއި ސިޔާސީ ގޮތުން މިކަމަށް ކިޔާ ފާޑުކިއުންތަކުގެ ވާހަކައެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމުންވެސް އިދިކޮޅުން ފާޑުކިއެވެ. ފާޑުފާޑުގެ ތުހުމަތުތައް ކުރިއެވެ. އެވެރިކަން ނިމުމާއެކު ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެމްޑީޕީގެ ނުވަތަ ރައީސް ސޯލިހުގެ ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ފަހަކުން ހަތަކަށް ބަދަލު ކުރުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް ފާޑުކިޔައި ސިޔާސީ ގޮތުން އެކި ވާހަކަތައް ދައްކައި ހެދިއެވެ. އެމްޑީޕީން އެކަން ކުރީ ސްޕްރީމް ކޯޓުގެ ބެންޗަށް އެމީހުން ބޭނުންވާ މީހަކު ލުމަށް ކަމަށް ބުނެ އިދިކޮޅުން ދެއްކި ވާޙަކައިގައި ހަގީގަތެއް އޮތްކަން ގަބޫލުކުރަން ޖެހުނީ ބެންޗަށް އިތުރުކުރި ދެ ޖާގައިންކުރެ އެއްޖާގައިގައި ހުސްނުއް ސުޢޫދު ބެއިންދުމުންނެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން މިކަން ސިފަކުރީ ބެންޗަށް ސީދާ އެމްޑީޕީގެ އެކްޓިވިސްޓެއް ލުންފަދަ ކަމެއްގެ ގޮތުގައެވެ. އޭރުގެ މައިނޯރިޓީ ލީޑަރު އާދަމް ޝަރީފު އުމަރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހުސްނުއް ސުޢޫދަކީ ރައީސް ނަޝީދު ނަގާފައި ދެން ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ނުވަތަ ސިޔާސީ ބޭފުޅާ ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވި ފަދައިން އުސްތާޒު ސުޢޫދަކީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ޕޯޑިއަމް ތަކުގައި ވެސް ވަރަށް އަޑު ހަރުކޮށް ބަސް ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.

ދެން އޮތީ މިއަދު ސުޕްރީމް ކޯޓަށް މަޖިލީހުގެ ނިންމުންތައް ބަދަލުކުރާން ފުރުސަތު ދޭން އެމަޖިލީހުގައި ގޮސް ހުއްޓި ތިބި ފަރާތްތަކާއި އެކަން އެގޮތަށް ކުރުމަށް ތާއީދު ކުރައްވާ ފަރާތްތަކުން އިއްޔެ އެކަމުގައި ދެކިވަޑައިގެންނެވި ގޮތުގެ ވާހަކައެވެ. 2023 ވަނަ އަހަރު އެމްޑީޕީ ދެބައިވެ ނުވަތަ ދެފެކްޝަން އުފެދި މަޖިލީހުގައި އުފެދުނު ދެބަސްވުން ހައްލުކުރުމަށް މަޖިލީހުގެ ގަވާޢިދު ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމުން އެކޯޓުން ނިންމި ނިންމުމާދު އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ ވިސްނުން ހުރީ އެނިންމުމާ ދިމާ ދެކޮޅަށެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ މަޖިލީހުން ނިންމާ ނިންމުމެއްގެ ތެރެއަށް ސްޕްރީމް ކޯޓަށް ނުވަދެވޭނެ ކަމަށެވެ. މަޖިލީހުން ގާނޫނު އަސާސީއަށް ނުވަތަ ގާނޫނަކަށް ގެންނަ އިސްލާހެއް ސުޕްރީމް ކޯޓަށް ގޮސް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ގާނޫނު ހެދުމާއި ގާނޫނުތައް އިސްލާހު ކުރުމާއި އަދި ގާނޫނު އަސާސީވެސް އިސްލާހު ކުރެވެނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ އެކޯޓުގެ އިހުތިސާސުގައި އޮތް ކަމެއްނޫން ކަމުގައި ބުނެވެނީ ރާއްޖޭގައި އޮތީ ތިންބާރު ވަކި ކުރެވިފައިވާ ވެރިކަމަކަށް ވާތީކަމަށް އެ މެންބަރުން އޭރު ވިދާޅުވިއެވެ.

"ގާނޫނު އަސާސީން ލިބިދީފައިނުވާ ބަމާރެއް އަޅުގަނޑުމެންގެ އެއްވެސް ފަރާތަކުން ބޭނުން ކޮށްގެނެއް ނުވާނެ. ކޮންމެ ބަޔަކަށް ވެސް އެބައެއްގެ ހުދޫދު، އެބައެއްގެ އިން ވަރަށް ސާފުކޮށް އެގެން އެބައޮވޭ. ފަހަރެއްގައި ވެސް ހިތުހުރި ކަމަކު ހިތުހުރި ވަގުތެއްގައި ހިތުހުރި ގޮތަކަށް ކަންކަން ކޮށް ކަންކަން ނިންމުމުގެ ބާރު މި ގާނޫނު އަސާސީން ސުޕްރީމް ކޯޓަކަށް ވެސް ދީފަކާނުވޭ." އޭރުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

އާޒިމް ވިދާޅުވެފައިވަނީ ކޮންމެ ކަމެއްގައި ފަހުބަސް ބުނުމުގެ ބާރެއް ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ދީފައި ނުވާ ކަމަށެވެ. އެކޯޓަށް ހަމައެކަނި ފަހުބަސް ބުނެވެނީ ޝަރުޢީ ނިންމުންތަކާއި މެދުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ހަގީގަތުގައި ވެސް އެއީ ގާނޫނު އަސާސީގައި ލިޔެފައި، ބުނެފައި އޮތް ގޮތެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނަސް ގާނޫނުތައް ހަދައި އަދި އެގާނޫނު ތަކަށް އިސްލާހު ގެނަސް ހެދޭނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ކަޅާ ހުދުން ލިޔެފައި އެބައޮތެވެ. އެ ބީދައިން، ސުޕްރީމް ކޯޓުގައި ތިބޭނެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގެ ބާރުވެސް އޮތީ މަޖިލީހަށް ދީފައެވެ. އެކޯޓަށް އައްޔަން ކުރާ މީހުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފަޔާއެކު ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވުމުން އެ ނަންތައް ދިރާސާކޮށް އެންނަތައް ފާސްކޮށް ރުހުން ދިނުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް މުތުލަގަށް ދީފައި އޮތް ބާރެކެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި، އެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހެއް ކަމު ނުގޮސްގެން އެބަދަލު ކުރާނެ ނުވަތަ އެކަން ކުރުމުގެ އެއްވެސް ބާރެއް ނެތް ތަނެއްގައި ގޮސް ހުއްޓޭނީވެސް ނުވަތަ އެކަން ކުރީމާ މަޖިލީހަށާއި ސަރުކާރަށް ފާޑުކިޔާނީ ވެސް ހަމައެކަނި ސިޔާސީ ބޭނުމެއްގައެވެ.

މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ފުރަތަމަ ކަނޑައަޅައި ގާނޫނުގައި އެވާހަކަ ލިއުނީ ވެސް އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. އެ އިސްލާހު ތަސްދީގުކޮށް އެއަށް ގާނޫނީ ސިފަ އާއި ބާރު ގެނަސްދިނީ މިހާރުގެ ސަރުާރުންނެވެ. ދެން އެ އިސްލާހުގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްޓަކާ އިތުރު ބާރެއްގެ ގޮތުން ގާނޫނު އަސާސީގައި ވެސް އެކަން އެގޮތަށް ލިއުނީއެވެ. އެކަން ކުރީ މިހާރުގެ ސަރުކާރުންނެވެ. ކަން ގޯސް ކަމަކަށްމިވީ މި ހާރުގެ ސަރުކާރުން ނުވަތަ މިހާރުގެ މަޖިލީހުން އެކަން ކުރުމުންނެވެ. ގާނޫނު އަސާސީއަށް މިއިސްލާހު ގެނަސް، ގާނޫނު އަސީސީގައި އެގޮތަށް ލިޔާން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަން އެނޫން ގޮތަކަށް އިސްލާހު ކުރަން ނޫނީ ބަދަލުކުރާން، މަޖިލީހުގައި ކުރިން އެކަމަށް ތާއީދުކޮށް ވަކާލާތު ކުރެއްވި ކުރީގެ މެންބަރަކު އިސްވެ ހުންނަވައިގެން ވަޑައިގެންނެވީ ސުޕްރީމް ކޯޓަށެވެ. އެކޯޓުން މި ބުނަނީ އެމައްސަލަ އެކޯޓަށް ބެލޭނެ ކަމަށެވެ. އެކަމަކު އެގޮތަށް އެކަން ހިނގުމަކީ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ޝަރުޢީ ބާރުން ވަދެ އެމީހުންނަށް ގާނޫނުން ނެތް ބާރެއް ބޭނުންކޮށްގެން މުޅި ނިޒާމު ގަޑުބަޑުކުރުން ނޫން އެހެން މާނައެއް ކުރެވޭނެ ކަމެއްނޫނެވެ.

މިހެން މިކަން ހިނގުމަކީ ސުޕްރީމް ކޯޓުގެ ސުޕްރަމަސީ އަކީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުެވޭނެ ކަމެކެވެ. އެއީ ގާނޫނުގައި ނެތް ބާރުތަކެއް އަމިއްލައަށް ނަގައިގެން މުޅި ގައުމުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރުން ފަދަ ކަމެކެވެ. މިއީ ކޮންމެ ބަޔަކު މިއަދު ތާއީދުކުރި ނަމަވެސް އުފަންކުރުވާ ވަރަށް ގޯސް އަދި އެހާމެ ނުރައްކާތެރި އިޖުރާޢަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން