މަރްޔަމް ނަހްދާ ވަޙީދު   4 މާރިޗު 2025 - 4:3
ފިލްމު "ސޮރީ" ގެ ޝޫޓިންގެ ތެރެއިން، ފޮޓޯ: ފިލްމުގެ ޑައިރެކްޓަރު
ފިލްމު "ސޮރީ" ގެ ޝޫޓިންގެ ތެރެއިން، ފޮޓޯ: ފިލްމުގެ ޑައިރެކްޓަރު
ރާއްޖޭގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމު "ސޮރީ" މިއަހަރު ޖޫން މަހު ނެރޭނެ ކަމަށް އިއުލާން ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މި ފިލްމު އިޝްތިހާރު ކުރަން ފެށުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހުއެވެ.

މި ފިލްމު ނެރޭ ދުވަސް ހާމަކުރަމުން ލިޔެފައިވާ ކެޕްޝަން އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

"ނޭވާހިފަހައްޓާލާށެވެ. 2025 ޖޫން 17ގައި ސިނަމާތަކަށް ފިލްމު އަންނާނެ އެވެ. މިއީ ހަމައެކަނި ފިލްމެއް ނޫނެވެ. މިއީ ފަސޭހަނުވާނެ ފަދަ ޒަޚަމެކެވެ. ހެދޭ ކުޑަކުޑަ ގޯހެއްގެ ސަބަބުން ހުރިހާ އެއްޗެއް ގެއްލިގެން ދެއެވެ. ލޯބި، އުއްމީދު އަދި މުސްތަގްބަލް ވެސް މެއެވެ. އަދި އެެކަން މިހެން ނުވިނަމަ އޭ ހިތަށް އަރާ ފަދަ ހާލަތަކަށް މީހާ ޣަރަގު ކޮށްލައެވެ. މިއީ ހިފަހައްޓާ ނުލެވޭނެ ގިސްލުމެކެވެ. އަދި މިހަނދާންތަކަކީ ތިބާގެ ހިތް އިތުރަށް ޒަހަމް ކޮށްލާނެެ ހަތިޔާރެކެވެ. "ސޮރީ" ތިބާ ފުނޑުފުނޑުކޮށްލާނެއެވެ. ރޫހާނީ ކަމެއް ފަދައިން މިހަނދާންތައް ފަނޑުނުވެ ދިގުދެމިގެންދާނެއެވެ. ތާރީޚް ފާހަގަކޮށްލާށެވެ. ފިލްމު ބެލުމަށްފަހު ތިބާގެ ހިތް އިހު އޮތްގޮތަކަށް ނޯންނާނެއެވެ."

މި ވަރުގަދަ ކެޕްޝަން ކިޔާލުމުންވެސް "ސޮރީ" އަކީ ޖަޒުބާތުން ފުރިގެންވާ އަސަރުގަދަ ފިލްމެއްކަން އެނގިގެން ދެއެެވެ. ހަމަ ޔަގީނުންވެސް މި ކެޕްޝަން ކިޔާލާ ކޮންމެ މީހަކުވެސް މި ފިލްމު ނެރޭ ދުވަހު ފިލްމު ބަލާލަން ދާން ބޭނުންވާނެއެވެ. އަދި މި ކެޕްޝަން ކިޔާލުމަށްފަހު ފިލްމަށް ކުރަމުންދާ އިންތިޒާރު އިތުރަށް ބޮޑު ވެގެންދާނެ ކަންވެސް ޔަގީނެވެ.

މި ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް އުފައްދާ ފިލްމަކަށްވީއިރު، މި ފިލްމުގެ ލީޑުން ފެނިގެންދާނީ މަރިޔަމް އައްޒަ (އައްޒަ)، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަހުމަދު އީސަ (އަނަންދު) އަދި ވާޝިޔާ މުހައްމަދު (ވާޝިޔާ) އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނަހުލާގެ ދަރިފުޅު ލާލި އާއި ނާޝްގެ ދަރިފުޅު އެވްލީ ވެސް ހިމެނެއެވެ. މީގެ އިތުރުން އަލީ ޝަމީލް އަދި އިތުރު ލީޑު ސްޓާރުންވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ފިލްމުގެ 95 އިންސައްތަ ޝޫޓިން އަދި 90 އިންސައްތަ އެޑިޓިން މިހާރު ވަނީ ނިމިފައެވެ.

ރަސް އަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރު ނަހުލާ ބުނީ "ސޮރީ" އަކީ ބަލައިފި އެއްވެސް މީހަކަށް ހަނދާނުން ފޮހެލެވޭނެ ފިލްމެއް ނޫން ކަމަށެވެ.

ނަހުލާ އިތުރަށް ބުނެފައިވަނީ ކޮންމެ ފިލްމެއް އުފައްދާއިރުވެސް މަސައްކަތް ކުރަމުންދަނީ އެއް ފިލްމުން އަނެއް ފިލްމުގެ ރިކޯޑު މުގުރާލަން ކަމަށާއި، މިފަހަރުގެ އަމާޒަކީ ފިލްމު "ޔޫސުފް" ގެ ރިކޯޑު މުގުރާލުން ކަމަށެވެ.

"ޔޫސުފް" އަކީ ނަހުލާ އެންމެ ފަހުން ޑައިރެކްޓުކުރި ލޯބީގެ ފިލްމެވެ. މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މި ފިލްމުގެ 50 ޝޯ ހައުސްފުލްކޮށް ދައްކާފައިވާއިރު، ފިލްމު ތިއޭޓަރުގައި އެޅުވުން ހުއްޓާލަން ޖެހުނީ ފިލްމު ލީކު ވެގެންނެވެ.

ނަހުލާގެ އަސަރުގަދަ ވާހަކަތަކަށް ބިނާ ކޮށް އޭނާ އުފައްދާ ފިލްމުތަކަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު އަބަދުވެސް ލިބެއެވެ. ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތާ ދުރުގައި ހުރުމަށްފަހު ނަހުލާ އުފައްދާ "ސޮރީ" ނެރޭނެ ދުވަހަކަށް ބެލުންތެރިން ކެއްމަދުވެފައިވާއިރި، މިއީވެސް ހަމަ ޖަޒުބާތުން ފުރިގެންވާ ލޯބީގެ ފިލްމަކަށް ވާނެ ކަން ޔަގީނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން