މާބަނޑު އަންހެނެއް- ގޫގުލް އިމޭޖެސް
މާބަނޑު އަންހެނެއް- ގޫގުލް އިމޭޖެސް
އެންޑޯމެޓްރިއޯސިސް އަކީ އަންހެނުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. މިއީ ރަހިމުގެ އެތެރެފުށުގައި ހުންނަ ޓިޝޫ (އެންޑޮމެޓްރިއަމް) ރަހިމުން ބޭރުގައި ހެދުމުން ޖެހޭ ބައްޔެކެވެ. މިކަމުގެ ސަބަބުން ވޭނާއި، ދަރިމައިވުމުގެ މައްސަލަތަކާއި އަދި އެހެނިހެން އުނދަގޫތައް ކުރިމަތިވެއެވެ.

މި ބައްޔަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އަންހެން ވެރިންނަށް ދަރި މައި ވުމަށް އުނދަގޫކުރުވާ އެންމެ މައިގަނޑު އެއް ސަބަބެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގޮހޮރުގެ މައްސަލަތައް ދިމާވުމާއި، ޖިންސީ އެދުން ފުއްދަން އުނދަގޫ ވުމާއި، މައްސަރު ކަންތައް ދިމާވާއިރު ތަފާތު އެކި މައްސަލަތައް ދިމާވުން ހިމެނެއެވެ.

އެންޑޯމެޓްރިއޯސިސް އާއި މާބަނޑުވުން

މި ބަލި ހުންނަ މީހުންނަށް މާބަނޑުވުން އުނދަގޫވެދާނެއެވެ. ނަމަވެސް، އެންޑޮމެޓްރިއޯސިސް ހުރުމަކީ މާބަނޑުވުމަށް ހުރަހެއް ނޫނެވެ. އެންޑޯމެޓްރިއޯސިސް ހުންނަ ގިނަ އަންހެނުންނަށް މާބަނޑުވެ، ދަރިންވެސް ލިބެއެވެ.

އެހެންނަމަވެސް މި މައްސަލަ ހުންނަނަމަ އަންހެންވެރިންނަށް މާބަނޑު ދުވަސްވަރު ތަފާތު އެކިކަހަލަ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. ތިރީގައި މި ހިމަނާލަނީ މި ބަލި ހުންނަ މާބަނޑު މީހުންނަށް ދިމާވާ ބައެއް މައްސަލަތަކެވެ.

- ވަގުތުނުޖެހި ވިހެއުން

- ވިހެއުމުގެ ކުރިން ލޭއައުން

- ސިޒޭރިއަން ހެދަން ޖެހުން

- ބަނޑުގައި އޮންނަ ކުއްޖާގެ ހެދިބޮޑުވުން ލަސްވުން

- ޕްލެސެންޓާ ޕްރީވިއާ (ވިހާނެ ދުވަސް ކައިރިވާއިރު ސާވިކްސް ޕްލެސެންޓާއިން ފޮރުވިފައިވުން)

- ޕްރީ-އެކްލެމްޕްސިއާ (މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރ މައްޗަށް ދިއުން)

އެންޑޯމެޓްރިއޯސިސް މެނޭޖު ކުރާނެ ގޮތް

މި މައްސަލައަށް ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބޭނުން ކޮށްގެން، އަދި ސާޖަރީ ހަދައިގެންވެސް، ނުވަތަ މި ދެ ގޮތް އެކުގައި ހިޔާރު ކޮށްގެންވެސް ފަރުވާ ކުރެވިދާނެއެވެ. ފަރުވާ ދޭން ޖެހޭ ގޮތެއް އާންމުކޮށް ޑޮކްޓަރުން ބަލަނީ ބަލީގެ ސީރިއަސް ކަމަށް ބެލުމަށްފަހުގައެވެ.

އެންޑޯމެޓްރިއޯސިސް ހުރެ، ދަރިމައިވާން ބޭނުންވާނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކުރަން ޖެހޭ ބައެއް ކަންތަކުގެ ތެރޭގައި ސިއްހަތަށް ރަނގަޅު ވަރެއްގައި ބަރުދަން ބެހެއްޓުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުން ހިމެނެއެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ، އިންފްލެމޭޝަން ދައްކޮށްދީ، މާބަނޑު ދުވަސްވަރު ދަރިފުޅު ހެދިބޮޑުވުމަށް ރަނގަޅު މާހައުލެއް ގާއިމްވެގެން ދާނެއެވެ.

މި ބަލީގެ ސަބަބުން މާބަނޑު ވުމަށް އުނދަގޫވެ، މާބަނޑު ދުވަސްވަރު ބައެއްކަހަލަ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މަތީގައިވާ ގޮތަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ދުޅަހެޔޮ ކޮށް ހުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. ކަން މިހެން ކުރެވިއްޖެނަމަ މި ބަލި ހުއްޓަކަސް ދުޅަހެޔޮ މާބަނޑުކަމަކާއި ވިހެއުމެއް ތަޖުރިބާ ކުރެވިދާނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން