ރައީސް މުޢީއްޒުގެ އަރިހުގައި އާޒިމާ
ރައީސް މުޢީއްޒުގެ އަރިހުގައި އާޒިމާ
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުންނަކީ ދުވަހަކުވެސް ވޭޕްކުރި ކުއްޖެއް ނޫން ކަމަށް އެ ޢާއިލާގެ ޤާނޫނީ ވަކީލް ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ޢާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ރައީސް ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ބަޔާން އިއްވަވަމުން އާޒިމާ ވިދާޅުވީ، ދަރިކަލުންނަކީ ދުވަހަކުވެސް ވޭޕް އަދި ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން ކަމަށެވެ. އަދި ރައީސްގެ ދަރިކަލުންގެ އަބުރު ކަތިލުން ކުށްވެރި ކުރާ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ކަރާމަތް ގެއްލޭގޮތަށް ވާހަކަ ދެއްކި މައްސަލަ ޝަރީއަތަށް ހުށަހަޅުއްވަން އެމަނިކުފާނުގެ އާއިލާއިން މިހާރުވަނީ ނިންމަވާފައި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މިހަފްތާގެ ތެރޭގައި މިމައްސަލަ ކޯޓަށް ހުށަހަޅުއްވާނެކަން ފާހަގަ ކުރަށްވަމުން އާޒިމާ ވިދާޅުވީ މަންމައެއްގެ ޙައިސިއްޔަތުން ރައީސްގެ އަނބިކަނބަލުން މި ދަޢުވާ ކުރަށްވަން ނިންމަވާފައިވަނީ ކުޑަކުއްޖެއްގެ ހައްގު ގެއްލިގެން ދިއުމުން ކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހައްގު ގެއްލުވާލުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އޭގެއިތުރުން އާޒިމާ ވިދާޅުވީ މިމައްސަލާގައި ރައީސްގެ އާއިލާއިން މަދަނީ ދައުވާ ކުރަށްވަނީ އެވާހަކަ ދެއްކި މަރިޔަމް ޒުބައިރު އާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ މައްޗަށް ކަމަށެވެ.

އަދި މިކަމާ ގުޅިގެން ޖިނާއީ ދައުވާ ކުރުމުގެ ފުރުޞަތު އޮތްނަމަވެސް އާއިލާއިން އެކަން ނުކުރަށްވާނެ ކަމަށާއި މިކަމުގައި ޖިނާއީ މައްސަލައެއް އޮތްނަމަ ޖިނާއީ ދައުވާ އުފުލުމަކީ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށްވެސް އާޒިމާ މިއަދު ވަނީ ވިދާޅުވެފައެވެ.

މަރިޔަމް ޒުބައިރު ދެއްކި ވާހަކައާ ގުޅިގެން ދަޢުވާ ކުރުމަށް ރައީސްގެ ޢާއިލާއިން ނިންމަވާފައިވާއިރު އީސީ އާއި އެޗްއާރުސީއެމުން ވެސް ވަނީ އެމައްސަލަ ކުށްވެރިކޮށް ބަޔާން ނެރެފައެވެ. ނަމަވެސް އެމްޑީޕީން ބުނަމުންދަނީ އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން