ޝަހީދު
ޝަހީދު
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފަޔާއެއްގޮތަށް ޝަހީދު އެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވުމުން މަޖިލީހުގެ ތަޅުމުން އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީވެސް މިއަދު އެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ޖޭއެސްސީން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަނުކުރަން ލަފާ ދިނީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި ރައީސް މުއިއްޒުވެސް ޝަހީދުގެ ނަން ފޮނުވުމުން ދެން އިތުރަށް ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަން ނުޖެހޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ހުށަހެޅުމާ އެއްގޮތަށް ޝަހީދު އެ މަގާމަށް އައްޔަނުކުރަން ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެ ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސްނުއް ސުއޫދު މަގާމުން ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.

ސުއޫދާއެކު ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރުވެސް ސަސްޕެންޑްކުރި އެވެ. އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން