ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާ ކުރަން މާނަހުރި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މި ޕޯސްޓުގައި ރައީސް ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، ބައިނަލްއަގްވާމީ ބައިވެރިންނަށް މިދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރު، ގްލޭސިއާ ޕްރިޒަވޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި އަދި އިންސާނުންގެ ނާޒުކުކަމާ މެދު އޮތް ނާޒުކު ގުޅުން ހަނދާން ކޮށްދޭ ކަމެއް ކަމަށެވެ.

އަދި މިފަދަ ނާޒުކު ކަންކަމާގުޅޭ ގޮތުން ރާއްޖެއިން އަބަދުވެސް އަޑުއުފުލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސާފު ފެން ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ގައުމުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެއް އަމާޒު ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރަކުވެސް މާރޗު މަހުގެ 22 ވަނަ ދުވަހުއެވެ.

މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ގުދުރަތީ އެއް ވަސީލަތަކަށް މީރުފެން ވުމާއެކު، އެކަމާމެދު ހޭލުންތެރިކަން އިތުރުކޮށް ކުރިމަތިވަމުން މިދާ ކާރިސީ ހާލަތަށް ތައްޔާރުވުމަށް ބާރު އެޅުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން