ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދާދި ފަހުން ތެލަސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.

މިގޮތުން އެ ސެންޓަރު ހިންގުމަށް ޚާއްޞަ ވަކި ފަރާތެއް ނެތްކަން ފާހަގަކުރައްވައި، އެކަން އިތުރަށް ލަސްވިޔަނުދިނުމަށް ސިވިލް ސަރވިސްގެ ތެރެއިން އެމަޤާމަށް އެކަށޭނަ ފަރާތްތައް ބެއްލެވުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއް އެ ސެންޓަރު ހިންގުމަށް މިހާރު ޢައްޔަނުކުރައްވާފައިވާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ. އަދި އެސެންޓަރު ހިންގަން ތިއްބެވި ބައެއް މުވައްޒަފުން ބަދަލުކޮށްދެއްވުމަށް އެދިފައިވާތީ އެކަންވެސްކޮށްދެއްވައި އެ މަޤާމުތަކަށް އެހެން ބޭފުޅުން ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނަރުހުންގެ މަދުކަން ފާހަގަކޮށްފައިވާތީ މިހާރު 5 ނަރުހުން އެ ސެންޓަރަށް ނެގުމަށް ޢިއުލާންކޮށްފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޕޮޑްކާސްޓުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފިލްޓަރުގެ މައްސަލައާއި ދެންވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެތަނުގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން، އެތަން ނިންމުމުގެ މަސައްކަތް، ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް ހަވާލުކުރެއްވީ 1 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ މި ޕޮޑްކާސްޓުގައި، އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ޚިދުމަތް ހޯދާފަރާތްތައް އެތަނަށް ދަތުރުކުރުމަށް، އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.

ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި މިއަދުގެ ޕޮޑްކާސްޓްގައި މިކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މި މަސައްކަތުގެ އަމަލީ މަސައްކަތްފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން