ރާއްޖޭގެ ޤައުމީ އެތްލީޓުންތަކެއް ---ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖޭގެ ޤައުމީ އެތްލީޓުންތަކެއް ---ފޮޓޯ: ސޯޝަލް މީޑިއާ
ކުޅިވަރު ކުރިއަރުވަން 20 އަހަރުގެ ޕްލޭނެއް އެކުލަވާލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މުއިއްޒު އެކަން ހާމަަ ކުރެއްވީ ތަރައްގީއާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރާ ގުޅޭގޮތުން ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި މެސެޖުގަ އެވެ.

އެގޮތުން ކުޅިވަރު ތަރައްގީކުރުމަށް ގެންގުޅުއްވާ ދުރުުރާސްތާގެ ޕްލޭނަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ 20 އަހަރުގެ ނެޝެނަލް ސްޕޯޓްސް ޑިވޮލޮޕްމަންޓްގެ ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒީ ކުރަން ނިންމާފައިވާ ކަަމަށެވެ.

އަދި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެއެވެ." ރައީސް ވިދާޅުވި އެވެ.

އަދި ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާންވެސް ރަނގަޅުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާޢީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ގާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ ކުޅިވަރު މެދުވެރިކޮށް ގައުމީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސްވެސް ކުރައްވައިފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރުކުރަން ބާރު ލިބި، އިޖުތިމާއީ ގުޅުންތައްވެސް ހަރުދަނާވުމަށް އެކަމުން މަގުފަހިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން